އެމްޑީޕީގެ ހިންގުމުމަށް އިތުރަށް ފައިސާ ބޭނުންވާތީ، ވިޔަފާރި ކޮށްގެން އާމްދަނީ ހޯދުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާތީ، އެ ޕާޓީއާ އެންމެ ވާދަވެރި ދަ ޑިމޮކްރެޓްސްގެ އިސް ދެ މެމްބަރަކު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 42 މެމްބަރުންގެ އިއްތިފާގުން، ފާސްކުރި ގަރާރަކުން ވިޔަފާރިއެއް ފަށަން ރޭ ނިންމި ހަބަރާ އެކު، އެންމެ ފުރަތަމަ ފާޑުވިދާޅުވީ އުނގުފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ.
ވައްޑެ ވިދާޅުވީ ފިކުރާ އުއްމީދާއި ތަސައްވުރެއް ވިއްކަން ނެތިއްޔާ، ތާއީދު ވެސް ހޯދަން ޖެހޭނީ ފައިސާއަށް ކަމަށާއި އެހެން ބައެއް ޕާޓީތަކުގެ ފައިސާއިން ސިޔާސީ ހަރަކާތް ހިންގުމުގެ “ވަގުތީ ކަންފަސޭހަ މަގަށް” އެމްޑީޕީ ދީލި ހުސްވާތަން ފެނުމަކީ ހިތްދަތިވާ ކަމެއް ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ އަސާސީ މަސައްކަތަކީ ސިޔާސީ ކަންކަން ކުރުން ކަމަށާއި ވިޔަފާރީގެ ކުރުން ނޫން ކަމަށެވެ.
ކުންފުނިތައް ގޮތަށް ވިޔަފާރީގެ ފައިދާ ހޯދުމުގެ ހަރަކާތް ހިންގުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ގާނޫނުން ލިބިގެންވާ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ވިޔާފަރިއެއްގެ ގޮތުގައި އެމްޑީޕީން ކުރަން ބޭނުންވަނީ ރިއަލްއެސްޓޭޓް ވިޔަފާރި ކަމަށެވެ.
އޭނާ ވިދާޅުވީ ވިޔަފާރި ކުރުމުގެ ހުއްދަ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލިބިގެންވާ ކަމަށާއި ކުންފުނި އުފެއްދުމުގެ ބާރު ވެސް ޕާޓީތަކަށް ލިބިގެންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ނަމުގައި ވިޔަފާރި ކުރުމުގެ ހުއްދަ ސަރުކާރުން ނުދީފިނަމަ، "އެއް މަގު ބަންދުވެއްޖެއްޔާމު" އެހެން މަގަކުން އެކަން ކުރެވޭދެވޭނެ ގޮތް އެމްޑީޕީގެ ގައުމީ މަޖިލީހުން ދައްކަވައި ދިނުމަށް އެދޭ ކަމަށެވެ.