ޓޫރިޒަމް ދާއިރާ އިން ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާތައް ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް, މާރުކުރަން ޖެހޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލު ކޮށްފައި ވަނީ ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ޝާހިދު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެކަމުގެ ސީދާ އަސަރު ކުރާނެ އެއްބަޔަކީ ރާއްޖޭގެ އެންމެބޮޑު ސިނާއަތު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ ކަމަށެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އަދި ލިވަބޯޑުގެ މަޝްވަރާ ހޯދާ އެފަރާތްތަކުގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ރިއާޔަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

"ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުމަށް އަޅާ ފިޔަވަޅެއްގެ ސަބަބުން އެންމެ ބޮޑު ސިނާއަތަށް ގެއްލުމެއް ލިބުމަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މުޅި އިގްތިސޯދަށް އިތުރު ގެއްލުން ލިބިދާނެކަމެކެވެ" ޝާހިދު ވިދާޅުވިއެވެ.

އިއްޔެ އާންމުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދު ބުނާގޮތުން ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ 87 ދުވަސް ކުރިން ރާއްޖޭގެ ބޭންކަކަށް ޖަމާ ކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ މާރުކުރަން ޖެހޭނީ ވެސް ބޭންކްތައް މެދުވެރިކޮށެވެ. އެގޮތުން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭރު ފައިސާ ދިވެހި ބޭންކެއް މެދުވެރިކޮށް މާރު ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ބޭރު ފައިސާ ބޭންކަށް ޖަމާ ކުރުމަށްފަހު އެކަން އެމްއެމްއޭއަށް އަންގަން ޖެހޭނެ އެވެ. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް އާންމު އުސޫލުން ކުރެވޭނީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް ޓޫރިޒަމް ދާއިރާ ހިމެނޭހެން 12 ދާއިރާއެއްގެ ކަންކަމުގައި ބޭރު ފައިސާއިން މުއާމަލާތު ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން އެ ގަވާއިދާ ހިލާފަށް ބޭރު ފައިސާއިން މުއާމަލާތް ކޮށްފިނަމަ 10,000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.