ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަހުމަަދު ޝިޔާމްގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވުމާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު ކާނަލް ރޓޔ މުހައްމަދު ނާޒިމް ފާޅުކުރެއްވި ހިޔާލަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ތަފާތު ރައްދެއް ދެއްވައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާ ކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ވިލިމާލޭގައި ހުންނަ ސިފައިންގެ އިމާރާތެއްގައި އޭނާގެ ބައްޕަ އިބްރާހިމް ޝާކިރު ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ. ދައުލަތުން ޝިޔާމްގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ ހުކުމް ކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ވިލިމާލޭގައި ހުންނަ ސިފައިންގެ އިމާރާތެއްގައި އޭނާގެ ބައްޕަ ބެހެއްޓެވީ ނުފޫޒެއް ބޭނުން ކޮށްގެންކަން ދައުލަތަށް ބުނެދެވިފައި ނެތް ކަމަށެވެ.

އެކަމާއި ގުޅިގެން ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިފައިންގެ ހިދުމަތުގައި ގިނަ އަހަރުތަކެއް ނަޒާހަތްތެރިކަމާއެކީ ހިދުމަތްކުރައްވާފައިވާ ބޭފުޅުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ބަދަލުގައި، ކޯޓުތަކަށް މައްސަލަ ހުށަހެޅި ދައުވާކުރުމަކީ ބަލައިގަނެވޭފަދަ އަމަލެއް ނޫން ކަމަށެވެ.

"ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝިޔާމްގެ މައްޗަށް ކުރެވުނު ދައުވާގެ ކުށް ސާބިތު ނުވުމުން އަޅުގަނޑު އުފާކުރަން،" ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ އެ ޕޯސްޓަށް އަޒާން ވަނީ ރައްދެއް ދެއްވައިފައެވެ. އަޒާން ވިދާޅުވީ ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ ކޮންމެ މީހެއްގެ މައްސަލަވެސް ބަލަންޖެހޭނެ ކަމަށެވެ.

ނާޒިމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް އެންމެ ފުރަތަމަ ޕީޕީއެމް/ޕީއެންސީއާއެކު 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކޯލިޝަން ހެދި ފުރަތަމަ ޕާޓީ، އެމްއެންޕީގެ ރައީސެވެ. އެޕާޓީން މަޖިލިސް ތެރޭގައި މަސައްކަތް ކުރަނީ ސަރުކާރާ އެއްކޮޅަށެވެ.