އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާއަށް ދައުވާ ނުކޮށް އޭނާއާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ފުލުހުން އޭނާއަށް ހުށަހެޅުމުން ޝާދިޔާ އެކަމަށް އިންކާރުކޮށްފި އެވެ.
ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މައްސަލާގައި ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ.
ޝާދިޔާ ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަން އޭނާ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝާދިޔާގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޝާދިޔާގެ މައްޗަށް ދައުވާ ނުކޮށް، ނަސޭހަތުގެ އެއްބަސްވުމެއް ހެދިދާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
ނަމަވެސް ޖިނާއީ އެއްވެސް ކުށެއް ކޮށްފައިވާ ކަމަށް ޝާދިޔާ ގަބޫލު ނުކުރާތީ އެފަދަ އެއްބަސްވުމެއް ދައުލަތާ އެކު ހަދަން ޝާދިޔާ އިންކާރު ކޮށްފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް އަސަރު ކުރާނެ ކަމަށް ބުނެ ހައްޔަރުކުރި މީހަކާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން ފުލުހުން ހުށަހަޅާފައިވާތީ, އެ މައްސަލާގައި ޝާދިޔާ ބަންދުކުރީ ވެސް ބަންދުކުރަންޖެހޭ ސަބަބެއް ނެތިކަން ހާމަވެގެންދެ އެވެ.
ޝާދިޔާގެ ވަކީލް އެދިވަޑައިގަތީ ދަށު ކޯޓުގެ ނިންމުން ބާތިލް ކުރުމަށެވެ.
ނަމަވެސް ދައުލަތުން ބުނީ ޝާދިޔާ ހައްޔަރުކުރީ އެމްބަސީ ކައިރީގައި މުޒާހަރާ ކުރުމުގެ އިތުރުން ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރަމުންދާތީ އެކަމުގެ ޝަކުވާ ރާއްޖޭގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީން ދެ ފަހަރެއްގެ މަތިން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ދައުލަތުން އެދުނީ ޝާދިޔާ ބަންދުކުރި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.