އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލި ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ޑީއެންއޭ ރިޕޯޓްތައް ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު ދިގުރަށުގައި ވިހެއުމަށް ފަހު، ކޮތަޅަކަށްލާފައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީ ލަންކާގެ މީހެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ.
އެ މައްސަލާގައި އޭނާ ހައްޔަރުކުރީ ފުރަން ގޮސް އެއާޕޯޓުގައި ހުއްޓައެވެ. އޭނާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާއެވެ.
އެ މައްސަލާގައި ޑީއެންއޭ ރިޕޯޓްތައް ހުށަހަޅަން ކޯޓުން ކުރިން ފުރުސަތު ދީފައިވާއިރު, މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ އެ ރިޕޯޓް މިއަދުގެ ވަގުތެއްގައި ކޯޓަށް ލިބިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓް ބަލައިގަތުމަށް ނިންމެވީ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ, ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވިއެވެ.
މިއަދުގެ އަޑުއެހުމުގައި ހިރަންޏާ ބުނީ އޭނާ ބަންދުގައި ހުންނަތާ 10 މަސް ދުވަސް ވެފައިވާއިރު, ޖަލުގައި ހުންނައިރު އެހީތެރިވާނެ މީހަކު ނެތް ކަމަށެވެ.
ގާޒީ އިހްސާން ވިދާޅުވީ އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދާނީ މެދުކެނޑުމެއް ނެތި ކަމަށެވެ. އަދި ދެ ފަރާތަށް އެއްބަސްވެވޭ ކަމެއް އޮތް ނަމަ އެކަން ފާހަގަ ކުރެވިދާނެ ކަމަށާއި އޭރުން ހެކިބަސް ނަގަންޖެހޭ ހެކިންގެ އަދަދު މަދުވެ، މައްސަލަ އަވަހަށް ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އިއުތިރާފް އެއްބަސްވުމެއް ހަދަން ބޭނުންނަމަ އެ ފުރުސަތު އޮތް ކަމަށް ގާޒީ ވިދާޅުވި އެވެ.
ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދިނުމުން ދައުލަތުން ބުނީ އެއްވެސް ހުށަހެޅުމެއް ނެތް ކަމަށެވެ. ނަމަވެސް ހިރަންޏާގެ ދިފާއީ ވަކީލް ވިދާޅުވީ ހުށަހެޅުންތައް ހުށަހަޅަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށެވެ.