އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގައި ދެއްވި ތާރީހީ ބަޔާނުގައެވެ. މިއީ އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި ފުރަތަމަ ފަހަރެވެ.
އެ ބަޔާނުގައި ރައީސް ވަނީ ސަލާމަތީ މަޖިލީހުގެ ނާގާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިން ކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވާފައެވެ. ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުން ދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައި ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަލާމަތީ މަޖިލީހުގައި ރައީސް ދެއްވި ބަޔާނުގައި، ވަނީ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެން ކުރާ މަޝްވަރާގެ އަލީގައި ސަލާމަތީ މަޖިލީހަށް އިސްލާހު ގެނައުމަށް އިންޓަރގަވަމެންޓަލް ޕްރޮސެސް އެއް ހުށަހަޅުއްވާފައެވެ. އެގޮތުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ދިވެހިރާއްޖެއިން ކުރާ އިލްތިމާސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލުނައްތާލުމުގެ އަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާ ކަމަށެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުން ކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިއުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުސަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
އެ މައްސަލަ ހައްލުކުރުމަށް ރައީސް ހުށަހެޅުއްވީ، ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަގުވާމީ މުޖުތަމަޢުން އީޖާދީ ހައްލު ހުށަހެޅޭނޭ އޮނިގަނޑެއް ބިނާ ކުރުމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް