ސިޔާސަތުތައް އެކުލަވާއިރު އެއްވެސް މީހަކު ބާކީ ނުވާނެ ގޮތަށް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމެރިކާގައި ކުރިއަށް ދިޔަ ސަމިޓް އޮފް ދަ ފިއުޗަރ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ"ގެ ކޯ-ޗެއަރގެ ޙައިސިއްޔަތުން، ރިޔާސަތު ބަލަހައްޓަވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަނެޓްގެ ހިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަމަށާ، އެކަމުގެ ސަބަބުން ވަކިން ހާއްސަކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ތަރައްގީ އާއި އަދުލުއިންސާފަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެފައެވެ.
ސިޔާސަތުތައް އެކުލަވާއިރު އެއްވެސް މީހަކު ބާކީ ނުވާނެ ގޮތަށް އެކުލަވާލުމަށް ގޮވާލާ ރައީސް ވަނީ މިކަމަށް މަގުފަހިވާނެ މައިގަނޑު ތިން ކަމެއް ހުށަހަޅުއްވައިފައެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޒުވާނުން ބާރުވެރި ކުރުވުމެވެ. އެގޮތުން ޑިޖިޓަލް އިގްތިސޯދީ ވެއްޓެއްގައި ޒުވާނުން ބާރުވެރިކުރުވާނެ ހަރަކާތްތަކެއް ފެށުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
އަދި ދޭސީ އީޖާދުތަކަށް ބާރުދީ، އިގްތިސޯދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމްކުރިމެވެ. އެގޮތުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ އަމާޒުތައް ޙާސިލުކުރުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން މިހާރުވެސް މި މަސައްކަތް ކުރަމުންދާކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ހައްގުތައް ރައްކާތެރިކުރުމެވެ. އެގޮތުން އެމަނިކުފާނު ވަނީ، ހުއްދަ ނެތި އެކްސެސްވެވުމާއި ޑޭޓާ ޕްރައިވެސީ ނުވަތަ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން ފަދަ ކަންކަމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދީ، ޑިޖިޓަލް ވެއްޓެއްގައި، މުދަލާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި، ނޭޝަނަލް ސައިބަރސެކިއުރިޓީ އޭޖެންސީއެއް ގާއިމްކޮށްފައި ވަނީ މިފަދަ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ޝާމިލު މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އިންގިލާބުގެ ބޭނުންހިފުމުގެ މުހިންމުކަމުގެ މައްޗަށް ބާރު އަޅުއްވައި، ޝާމިލު، ވިލުންތެރި އަދި އަދުލުވެރި ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ