ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ދިން 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް އެގައުމުން އިތުރު އެއް އަހަރަށް ފަސްކޮށްދީފައި ވަނިކޮށް އަނެއްކާވެސް އިތުރު 50 މިލިއަން ޑޮލަރު އެއް އަހަރު ދުވަހަށް އެގައުމުން ފަސްކޮށްދީފިއެވެ.

މި ފައިސާ އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިންޑިއާ އިން ދިން 200 މިލިއަން ޑޮލަރުގެ ބަޖެޓު ސަޕޯޓެކެވެ. މީގެތެރެއިން 50 މިލިއަން ޑޮލަރު ނޫނީ ދެން ހުރި 150 މިލިއަން ޑޮލަރަކީ ރާއްޖޭން އަނބުރާ ދައްކަން ޖެހޭ ފައިސާއެވެ.

މިދިޔަ މެއި މަސް ތެރޭގައި މީގެއިން 50 މިލިއަން ޑޮލަރު އިތުރު އެއް އަހަރަށް އިންޑިއާ އިން ވަނީ ފަސްކޮށްދީފައެވެ. އަނެއް 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކައިފައެވެ.

ތިންވަނަ ޕޭމަންޓު މިމަހަށް ދައްކަން ޖެހުނު ނަމަވެސް އިންޑިއާ އިން މިހާރު ވަނީ އެފައިސާ ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދީފައެވެ. މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ދެއްކުން އިންޑިއާ އިން ފަސްކޮށްދިންއިރު ވަރަށް އަވަހަށް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ވަނީ ދާދިފަހުން ބުނެފައެވެ.