ރާއްޖޭގެ އެންމެ އުތުރުގައި ބަންކަރިންގެ ހިދުމަތް މިއަދު ފެށިއިރު ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި (އެސްޓީއޯ) ގެ އަމާޒަކީ ބޮޑު ފައިދާއެއް އެކަމުން ލިބޭނެ ލަގްޒަރީ އުޅަނދުތަކަށް ބަންކަރިންގެ ހިދުމަތް ދިނުން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިމާދު ވިދާޅުވެއްޖެއެވެ.

ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެއްބަސްވުމެއްގައި މިދިޔަ މާޗު މަހު ސޮއިކޮށްފައެވެ. މި ކުންފުންޏަކީ މިހާރުވެސް ބޮޑެތި ބައެއް ގައުމުތަކުގައި ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ބަންކަރިންގެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ވިޓޯލުން އެ ހިދުމަޔް މާކެޓް ކުރަން ފެށުމުން ގިނަ ބަޔަކު ހިދުމަތަށް އެދެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓީއޯ އިން މިވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް ކަމަށެވެ. ޑީސަލް ފޯރުކޮށްދޭނީ ލަގްޒަރީ އުޅަނދުތަކަށެވެ.

"މާނައަކި އަޅުގަނޑުމެންނަށް ބޮޑެތި ފައިދާ ލިބޭނެ ވެސެލްތަކަށް ޓާގެޓްކޮށް އެ ވެސެލްތަކަށް ސާވިސް ދިނުން. ހަމަ މިހެންދާ ކޮންމެ ކޮންމެ ބޯޓަކަށް ހިދުމަތް ދިނުމެއް ނޫން،" ޝިމާދު ވިދާޅުވިއެވެ.

މި ހިދުމަތް ފެށީ ދެ ބޯޓަކާއެކުގައެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ ނަމަކަށް ކިޔާ ދެ ބޯޓެވެ. ޝިމާދު ވިދާޅުވި ގޮތުގައި މި ހިދުމަތް އޮފްޝޯކޮށް ދިނުމަކީ ހައްލެއް ނޫނެވެ. މިކަން ފުރިހަމަ އަށް ކުރެވޭނީ ބަންކަރިންގެ ހިދުމަތް ދޭ ސަރަހައްދުން ބިން ހިއްކައިގެން ފިއުލް ފާމްތަކެއް އަޅައިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ އެއިޓް ޑިގްރީ ޗެނަލުން ދަތުރުކުރާ ބޯޓުތަކަށް އަމާޒުކޮށްގެން ފެށި ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ ވައިސީ ބެރިއާއަށެވެ. މިއީ އެމްއެސްއެސްގެ ބޯޓެކެވެ. މިއީ އެ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެކެވެ.