ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ކްލަބްތަކަށް އެހީވުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ނެގި 1.9 މިލިއަން ޑޮލަރު (29.2 މިލިއަން ރުފިޔާ)ގެ ލޯނެއް އަމިން ކޮންޓްރަކްޝަނާ ގުޅިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މަނީ ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ތުހުމަތުކޮށްފިއެވެ.

އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، ބޭރުގެ ފަރާތްތަކުން ޑޮލަރުގެ ގޮތުގައި ލިބޭ ފައިސާ އެފްއޭއެމުން ނަހަމަ ގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލު އިސްކަންދަރު ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ އާންމުކޮށްފައެވެ.

ފުލުހުންގެ އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ޑިޕާޓްމަންޓުގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝާންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު އަމިން އެވެނިއުއިން ދެ އެޕާޓްމަންޓު ގަނެފައިވާ ކަމަށެވެ. ފައިސާއަށް ހިޔާނާތްތެރިވެފައިވާ އެ މައްސަލާގައި ތިން މީހަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ސަވާދު ވިދާޅުވިއެވެ.

އެ މީހުންނަކީ ގ. ފަހިވާގެ، ބައްސާމް އަދީލް ޖަލީލާއި މ. ހިތިނައިދޫ، ހަސަން ވަހީދު 49، އާއި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް، 35، އެވެ.

އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން 3.8 މިލިއަން ރުފިޔާއަށް އަމިން އެވެނިއުއިން ބައްސާމްގެ ނަމުގައި ގަނެފައި ވަނީ "A1205" އާއި "A1206" އެޕާޓްމަންޓު ކަމަށް ސަވާދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައި 2021 ވަނަ އަހަރު ފީފާއިން 1.9 މިލިއަން ޑޮލަރު (29.2 މިލިއަން ރުފިޔާ)ގެ ލޯނެއް އެފްއޭއެމުން ނަގާފައިވާ ކަމަށާއި އެ ލޯނުގެ ތެރެއިން އެއް މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށްޓަކާ އަމިން އެވެނިއުއަށް ޖަމާކުރި ކަމަށް ސަވާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފައިސާ އަނބުރާ އެފްއޭއެމަށް ލިބިފައިނުވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމަށް ލިބުނުކަން ދެއްކުމަށްޓަކާ ބައެއް ލިޔެކިޔުންތައް އެފްއޭއެމުން ތައްޔާރުކޮށްފައިވާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން، ދިވެހި ރުފިޔާ ދައްކާފައިވާކަން ދެއްކުމަށްޓަކާ ލިޔެކިޔުން ތައްޔާރުކޮށްފައިވާކަން ވެސް ވަނީ ފާހަގަ ކުރެވިފައި. މި ފައިސާ އެފްއޭއެމަށް ލިބިފައިވާކަން ދެއްކުމަށްޓަކާ ކުންފުންޏެއް މެދުވެރިކޮށް، ލޯނު ނަގާފައިވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ. އަދި މި ލޯނުގެ ފައިސާގެ އަދަދާއި އަމިން ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައިވާ ރިސިޕްޓުތަކުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދާ ދިމާވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ،" ސަވާދު ވިދާޅުވިއެވެ.

އެ މައްސަލާގައި ބައްސާމްގެ އިތުރުން ހަސަން ވަހީދާއި މުހައްމަދު އަގީލުގެ އިތުރުން އަމިން ކޮންޓްރަކްޝަނަށް ދައުވާ ކުރަން ޕީޖީއަށް ހުށަހަޅާފައިވާ ކަމަށް ސަވާދު ވިދާޅުވިއެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ ހިޔާނާތާއި އޮޅުވާލުމުގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތެވެ.

މީގެ އިތުރުން އެފްއޭއެމުންގެ އެކައުންޓުން ބައްސާގެ އެކައުންޓަށް 10،000 ޔޫއެސް ޑޮލަރު ޖަމާކޮށް، އަމިއްލަ ބޭނުންކޮށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ވެސް ސަވާދު ވިދާޅުވިއެވެ.