އިސްލާމިކް މިނިސްޓްރީން މާލެ އާއި ހުޅުމާލޭގައި އިމާރާތް ކުރާ ވަގުފު އިމާރާތްތައް ނިމުމުން، އިސްލާމިކް މިނިސްޓްރީ ވެގެންދާނީ އެންމެ މުއައްސަނދި މިނިސްޓްރީއަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީއަށް މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 256 މިލިއަން ރުފިޔާއެވެ. މިނިސްޓްރީތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. އެ މިނިސްޓްރީގެ ބަޖެޓަކީ 3.9 ބިލިއަން ރުފިޔާއެވެ. ދެ ވަނައަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައި ވަނީ 2.1 ބިލިއަން ރުފިޔާއާއެކު، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއަށެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ވަގުފު އިމާރާތެއްގެ ގޮތުގައި މާލޭގައި އިމާރާތް ކުރަނީ "ދާރުލްއަރްގަމް" ކަމަށެވެ. އަދި ހުޅުމާލޭގައި "ދާރުލް އިސްލާމިކް ކޮމްޕްލެކްސް" އިމާރާތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ދެ މަޝްރޫއު ގާއިމު ކުރެވިއްޖެނަމަ، މިހާރު ހުރި ދާރުލް އީމާނު ވަގުފު މަޝްރޫއާ އެކު، ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ވެގެންދާނީ ރާއްޖޭގެ އެންމެ މުއްސަނދި ވުޒާރާއަށް. އަޅުގަނޑުމެންގެ އަމާޒަކީ ވެސް އެއީ. ދައުލަތަށް ބަރޯސާ ނުވެ، މުއައްސަނދި ތަނަކަށްވެ، އިސްލާމީ ގޮތުން ފުދުންތެރިތަނަކަށްވެ، ދިވެހިރާއްޖޭގެ ދީނީ ހިދުމަތަށް ތަނަވަސްކަން ގެނައުން،" މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަގުތު އިމާރާތް ކުރުމަށް ރަށްތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން ރަށު ކައުންސިލްތަކުން 14 މަޝްރޫއެއް ހިންގުމަށް އެދި ހުށަހަޅާފައިވާ ކަމަށާއި އަތޮޅު ކައުންސިލްތަކާއި ސިޓީތަކުން 10 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެދި ހުށަހަޅާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރަށްތަކަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައި ވަނީ އައްޑޫ ސިޓީން ކަމަށާއި އެ ސިޓީގައި އިމާރާތް ކުރަން ހުށަހަޅާފައިވާ ވަގުފު މަޝްރޫއުއަށް 30 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.