ހުޅުމާލެ ހިޔާ ފްލެޓެއްގައި ރަހީނުކޮށްފައި ހުރި އަންހެނަކު ސަލާމަތްކޮށް، އެ މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު، ފޮޓޯއާ އެކު ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ. އެއީ ހ. ލާމިޔާ، އަހުމްދު އުވެއިސް، 20، އާއި މއ. ތުރީމޫންސް، މުހައްމަދު މުމީތު، 39، އެވެ.

ފުލުހުން ބުނީ ރަހީނު ކުރި އަންހެން މީހާ ސަލާމަތް ކުރީ ރޭ ދަންވަރު އަޑުގަދަކޮށް، ސަލާމަތް ކުރުމަށް އެދި ހިޔާ ފްލެޓް އެޕާޓްމަންޓަކުން ހަޅޭލަވަން ފެށުމުން ކަމަށާއި ފުލުހުން އެތަނަށް ވަނީ ތަކުރާރުކޮށް އެންމުން ވެސް ދޮރު ނުހުޅުވައިގެން ބާރުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި ބުނީ އެޕާޓްމަންޓުގެ ދޮރު ހުޅުވަން ބުނުމުން، ފިރިހެނަކު ދޮރު ހުޅުވި ކަމަށާއި ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕައި ތަޅުލި ކަމަށެވެ.

"އަނެއްކާވެސް އަންހެން މީހާ ސަލާމަތަށް އެދި ހަޅޭލަވާތީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެޕާޓްމަންޓަށް ފުލުހުން ވަދެ، އަންހެން މީހާ ވަނީ ސަލާމަތްކޮށްފައި،" ފުލުހުންގެ މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް މީހުންނަށް އަނިޔާކޮށް، މާރާމާރީ ހިންގުމުގެ 475 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ފޭރުމުގެ 361 މައްސަލަ ހިނގާފައިވެއެވެ. މިއަހަރު އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،601 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.