މަތީ ސާނަވީ އާއި، ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް އިއްޔެ ކުރިއަށްދިޔަ 2022 – 2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ހުރިހާ ދަންފަޅިތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރި ކޮށްދެއްވަވައިފިއެވެ.
މިއީ މި ރަސްމިއްޔާތުގެ 3 ދަންފަޅިވެސް [ހެނދުނު، މެންދުރުފަސް، ރޭގަނޑުގެ ދަންފަޅިވެސް] ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރި ކޮށްދެއްވި ފުރަތަމަ ފަހަރެވެ.
ދަރުބާރުގޭގައި ބޭއްވި އެ ރަސްމިޔާތުގެ ތިންވަނަ ދަންފަޅީގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި، މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ގައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިފަހަރު އިނާމު ލިބޭ 441 ދަރިވަރުންނަށް ގައުމީ ފެންވަރުގައި ޝަރަފްދިނުމަށް އިއްޔެ ހެނދުނުން ފެށިގެން ރެއާ ހަމަޔަށް ކުރިއަށް ގެންދިޔަ 3 ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަކީ، ތައުލީމަށް އަދި ޒުވާން ދަރިވަރުންގެ ކުރިއެރުމަށާއި ފާގަތިކަމަށް އެމަނިކުފާނު ދެއްވާ އަހައަމިއްޔަތުގެ ހެއްކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ ކުރީގެ އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އައީ، ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސާ ކޮށްގެންނެވެ. އަދި ދަރިވަރުންނަށް ވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެންނެވެ.
ނަމަވެސް މިކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަހަރު ހަމަޖައްސަވާފައެވެ. އަދި ވަނަތަކަށް ހޮވި އިނާމު ލިބޭ ދަރިވަރުންނަށްވެސް، ސީދާ ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދުދެއްވާފައެވެ.