މަޝްހޫރު މެސެޖިން އެޕްލިކޭޝަން، ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ ފޮޓޯ އާއި ވީޑީއޯ ވިއްކަމުންދަނިކޮށް އަތުލައިގަތް ނެޓްވޯކުގައި ހިމެނޭ އދ. މަހިބަދޫ، ބަހާރުގެ، އުމުރުން 45 އަހަރުގެ ޒުބައިރު އަލީ ގެންދިޔައީ އެ ޖަރީމާ ހިންގުމަށް އިތުރު މީހުން ރެކްރޫޓް ކުރަމުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެޑް އޮފް އިންވެސްޓިގޭޝަން އިންސްޕެކްޓަރު އަޒީފް އައްބާސް ވިދާޅުވީ ކުޑަކުދިންގެ ބަރަހަނާ ވީޑިއޯ/ފޮޓޯތަކަކީ އެކަމަށް ޝައުގުވެރިކަން ހުރެގެން ޒުބައިރު ހޯދާ އެއްޗެއް ކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ބަރަހަނާ މަންޒަރުތައް ޓެލެގްރާމް ޗެނަލްތަކުން ނެގުމަށް "ވިކްޓިމައިޒް ވި މީހުން" އެދުމުން، އެ މީހުންގެ އަތުން ފައިސާ ހޯދުމަށް މަސައްކަތްކޮށް، ޖިންސީ ގުޅުން ހިންގުމަށް ޒުބައިރު ހުށަހަޅާފައިވާ ކަމަށް އަޒީފް ވިދާޅުވިއެވެ.
އެ ޕްރެސް ކޮންފަރެންސްގައިހެޑް އޮފް ސައިބާ އެނަލިސިސް ޗީފް އިންސްޕެކްޓަރު މުހައްމަދު ފަޔާޒު އިސްމާއިލް ވިދާޅުވީ ޒުބައިރަކީ ދުރާލައި ރާވައިގެން ތައްޔާރުވެގެން އެ ކުށް ކުރަމުންދިޔަ މީހެއް ކަމަށާއި ބަރަހަނާ މަންޒުރު ހޯދުމަށް އެކި އުކުޅުތައް އެހެން މީހުންނަށް އޭނާ ދަސްކޮށްދެމުންދިޔަ ކަމަށެވެ.
"ޒުބައިރު އަލީ ހިންގާ މި ޖަރީމާގައި ބައިވެރި ކުރުމަށް އިތުރު ފަރާތްތައް ރެކްރޫޓް ކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަ ކުރެވޭ. މީގެ އިތުރުން ބަރަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯތައް ހޯދުމަށް ބޭނުންކުރާނެ އުކުޅުތައް ކިޔައިދީ މިތަކެތި ބޭނުންކޮށްގެން މާލީ މަންފާއެއް ހޯދާނެ ގޮތް ކިޔައިދީފައިވޭ،" ފަޔާޒު ވިދާޅުވިއެވެ.
ޒުބައިރާ އެކު އެ ނެޓްވޯކުގައި ދެން ހިމެނެނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 އުމުރުން 46 އަހަރުގެ ނާސިފް އަލީ އާއި ކ. ކާށިދޫ ސިލިންކޯ، އުމުރުން 29 އަހަރުގެ އިސްމާއީލް ޒަބީހުއެވެ.
ފުލުހުން ބުނީ އެ ތިން މީހުން ގެންގުޅުނު 14 ޑިޖިޓަލް ޑިވައިސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މީހުން ހިންގި ޓެލެގްރާމް 571 ޗެނަލުން 86،618 އަށް ވުރެ ގިނަ ބަރަހަނާ ވީޑިއޯ އާއި 241،051 ފޮޓޯ ގިނަ ބަރަހަނާ ފޮޓޯ އަތުލައިގެންފައިވާ ކަމަށެވެ.
އެ މީހުން ހިންގި ޗެނަލްތަކުގެ ތެރެއިން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ 43 ޓެލެގްރާމް ޗެނަލެއް އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނީ އެ މީހުން ހިންގި ބަރަހަނާ ޗެނަލްތައް 34،680 މީހުން ސަބްސްކްރައިބް ކޮށްފައިވާ ކަމަށެވެ.
ބަރަހަނާ މަންޒަރު ވިއްކައިގެން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ މީހުން ހޯދައިފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
އެ މައްސަލާގައި ހިމެނޭ ޓެލެގްރާމް ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ޖަހާފައެވެ.