ދެހާސް ވިހިވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އޭރުގެ ރައީސް ޑޮނަލްޑު ޓްރަމްޕް އިންތިހާބުން ބަލިވެވަޑައިގެންނެވިކަން އަދިވެސް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އޭނާ ދިޔައީ އެފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ތުހުމަތު ކުރައްވަމުންނެވެ. އަދި އެކަމާއި ދެކޮޅަށް އެމެރިކާގެ އެކި ސިޓީތަކުގެ މަގުތަކުގައި އެއްވުންތައް ވެސް ބޭއްވިއެވެ. އެފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޖޯ ބައިޑެންއެވެ.
މިއަހަރު އޮންނަ އިންތިހާބުގައި އަނެއްކާވެސް ޓްރަމްޕް ވާދަކުރައްވާއިރު އޭނާއާ މިފަހަރުވެސް ވާދަކުރެއްވީ ބައިޑެންއެވެ. ނަމަވެސް ސިއްހީ އެތައް މައްސަލަތަކަކާއި އަދި އުމުރުން ދުވަސްވެފައި ހުރުމުން އޭނާ އަށް ކުރިމަތިވަމުން ދިޔަ ފާޑު ކިޔުންތަކާއި ގުޅިގެން ބައިޑެން ވަނީ ނަން އަނބުރާ ގެންދަވައިފައެވެ. އަދި ބައިޑެންގެ ބަދަލުގައި މިހާރު އިންތިހާބުގައި ވާދަކުރައްވަނީ އޭނާގެ ނާއިބު ރައީސަކަށް ހުންނެވި ކަމަލާ ހެރިސްއެވެ.
ރޭ ކަމަލާ އަދި ބައިޑެންއާ ދެމެދު ބަހުސެއް ކުރިޔަށް ގެންގޮސްފައިވާއިރު އެ ބަހުސްގައި ބައިޑެން ވަނީ 2020ވަނަ އަހަރުގެ އިންތިހާބުގައި އޭނާ ބަލިވިކަން އަދިވެސް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"ކުރަން ވީ ކަމަކީ ބަލާލުން... އަޅުގަނޑަށް ގާތްގަނޑަކަށް 75 މިލިއަން ވޯޓު ލިބުނީ، އެއީ މިހާތަނަށް އެއްވެސް ރައީސަކަށް ލިބިވަޑައިގެންނެވި އެންމެ ގިނަ ވޯޓު،" ބައިޑެން ވިދާޅުވިއެވެ.
އެ ބަހުސްގައި މީގެ ހަތަރު އަހަރު ކުރިން އެމެރިކާ މީހުންގެ ހާލަތު ރަނގަޅު ކަމަށް ގަބޫލުކުރެއްވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ކަމަލާ ވަނީ އޭނާގެ ސަރުކާރެއްގައި އާއިލާތަކަށާއި ކުދި ވިޔަފާރިތަކަށް އެހީވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު އެމެރިކާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ވަޒީފާ ނެތް އެތައް ބަޔަކު އެގައުމުގައި ތިބިކަން ކަމަލާ ފާހަގަކުރެއްވިއެވެ.
އަދި ފާއިތުވި ގަރުނެއްގެ ތެރޭގައި އާންމު ސިއްހަތުގެ އެންމެ ނުރައްކާތެރި ބަލިމަޑުކަން އެމެރިކާ އަށް ދޫކޮށްލި ރައީސަކީ ވެސް ޓްރަމްޕްކަން އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޑިމޮކްރަސީއަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ޑޮނަލްޑް ޓްރަމްޕް އަޅުގަނޑުމެންނަށް ދޫކޮށްލެއްވި. އަދި އަޅުގަނޑުމެން މި ކުރި ކަމަކީ ޑޮނަލްޑް ޓްރަމްޕްގެ ގޯސް ސާފުކުރުން،" ކަމަލާ ވިދާޅުވިއެވެ.