އަދުގެ ސަރުކާރަށް އާމްދަނީ މެނޭޖު ނުކުރެވޭ ސަބަބާއި މެދު ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ސުވާލު އުފައްދަވައިފިއެވެ.

އެމްޑީޕީން ސިލްސިލާކޮށް ގެނެސްދެމުންދާ "ހަވަރު ބެރު ޕެނަލް ޑިސްކަޝަން"ގައި ރޭ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ސަރުކާރަށް ރާއްޖޭގެ އިގްތިސޯދު ހަމަ މަގަށް ނޭޅުވިގެން އުޅެނީ ކުރަމުން ގެންދާ ބޭކާރު ހަރަދުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަކީ އެކަމުގެ ސަބަބުން ބޮޑެތި ހަރަދުތަކެއް ހިންގާނެ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާ ކައިރިން، އަވަށްޓެރި ގައުމަކުން ކާޑުގެ ބާވަތްތައް ފަސޭހަ ކަމާއެކު ލިބެން އޮއްވާ އެތަކެތި މާ ދުރުގައި އޮތް ތުރުކީން ގެންނަ ވާހަކައަށް ވެސް މާރިޔާ ވަނީ ފާޑު ވިދާޅުވެފައެވެ.

މާރިޔާގެ ވާހަކަފުޅުގައި ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުގައި ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޝްރޫއުތައް ކުރިޔަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން، ރާއްޖޭގައި އެއްވެސް މަޝްރޫއުއެއް ކުރިޔަށް ނުދާ ކަމަށް ވިދާޅުވިއެވެ.

ރޭގެ ޕެނަލް ޑިސްކަޝަންގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގަތެވެ. އޭނާ ވަނީ ފެނަކަ ކޯޕަރޭޝަން ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ނިންމުމާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވެފައެވެ.

"އެސްޓޯއަކީ ވަރަށް ހެލްދީ އަދި ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެއް. އެ ކުންފުނީގެ ދަށަށް ދިއުމުގެ ސަބަބުން ކުރާނީ ކޮން ފައިދާއެއްތޯ ބަލާލާއިރުގައި، ފެނަކައަށް އެއްވެސް ފައިދާއެއް އަދި ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް. މައިގަނޑު ބޭނުމަކީ ފެނަކައިގެ ބެލެންސްޝީޓް ކްލީންކޮށްލަން،" މީގެކުރިން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެނަކައަކީ ރާއްޖޭގެ ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި އަސާސީ ހިދުމަތް ދެމުން އަންނަ ކުންފުންޏަކަށް ވެފައި، ގިނަ އާއިލާތަކަކާއި ސީދަ ގުޅިފައިވާ ކުންފުންޏެއް ކަމަށެވެ.