އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި އިއްޔެ ފަށައިފިއެވެ. އެ ސެޝަން ފެށިގެން ކުރިއަށްދާނީ، 9 ސެޕްޓެމްބަރ 2024 އިން 11 އޮކްޓޯބަރ 2024 ގެ ނިޔަލަށެވެ.

ފަންސާސް ހަތްވަނަ ސެޝަންގެ ބައްދަލުވުމުގެ ތެރެއިން އިންސާނީ ހައްގުތަކާބެހޭ މަޖިލީހުން ސްޕެޝަލް ޕްރޮސީޖާސް މެންޑޭޓް ހޯލްޑަރުންނާއި، އެކްސްޕާޓް މެކޭނިޒަމްތަކާއި، އިންވެސްޓިގޭޓިވް މެކޭނިޒަމްތަކާއެކު ޖުމްލަ 30 އިންޓަރެކްޓިވް ޑައިލޮގް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކުގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ހާއްސަ 2 އިންޓަރެކްޓިވް ޑައިލޮގްގެ އިތުރުން 6 ޕެނަލް ޑިސްކަޝަން ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އެ ސެޝަންގައި 50 ގައުމުގެ ހާލަތުތަކާއި، 80 އަށްވުރެ ގިނަ ތީމެޓިކް ރިޕޯޓްތައް މުރާޖާކުރުމުގެ ފުރުސަތު ލިބިގެންދާނެތީ، އެ ސެޝަންއަކީ ދުނިޔޭގެ އިންސާނީ ހައްގުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް، އިންސާފުވެރި އަދި ހަމަހަމަ ދުނިޔެއެއް ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމާއި މަޝްވަރާއަށް ގާއިމުކުރެވޭ މުހިންމު މަންސައަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

"ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އިސްކަންދޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ރާއްޖޭގެ ވަފުދުން ތަގުރީރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އ.ދ.ގެ ސެކްރެޓަރީ ޖެނަރަލްގެ ފަރާތުން ކުރިއަށްގެންދާ އެނަލިޓިކަލް ސްޓަޑީއާ ގުޅޭގޮތުން ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ޖެނީވާގައި ހުންނަ ކުދި ޖަޒީރާ ޤަޢުމުތަކަގެ މައްޗަށް އެކުލެވޭ ގްރޫޕްގެ ފަރާތުން ޖޮއިންޓް ސްޓޭޓްމަންޓްއެއް ދިވެހިރާއްޖެއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޖޮއިންޓް ސްޓޭޓްމަންޓްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ހައްގުތައް ފުރިހަމައަށް ލިބިގަތުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާނެއެވެ. އަދި، މިއަހަރުގެ މާރޗް މަހުގެ 12 އިން 21 އަށް ޑިމޮކްރެޓިކް އެންޑް އިކުއިޓަބަލް އިންޓަނޭޝިނަލް އޯޑަރއާ ބެހޭ އިންޑިޕެންޑެންޓް އެކްސްޕާޓް ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ރިޕޯޓެއް މިސެޝަންގައި ހުށަހަޅުއްވާނެއެވެ" ސަރުކާރުން ބުނެއެވެ.

އިންސާނީ ހައްގުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހާލަތްތައް ހައްލުކޮށް އެކަމަށް ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. 47 މެންބަރު ގަޢުމެއްގެ މައްޗަށް އެކުލެވިގެންވާ އެ މަޖިލީހަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ގައުމުގެ ހާލަތްތައް ހައްލުކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ.

ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މި ދައުރު ހަމަވާނީ 2025 ވަނަ އަހަރުއެވެ.