ފޮތް ކިޔުމުގެ އާދަ ޅަފަތުގައި ކުދިންގެ ކިބައިގައި އަށަގަންނާނެ ގޮތަކަށް، ސްކޫލުތަކުގެ ކިޔެވުން ބައްޓަން ކުރަންޖެހޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ލިޔަކިޔަންދަތުމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ލިޔަން ކިޔަން ދަތުމުގެ ރޮނގުން ރާއްޖެ ހާސިލުކޮށްފައި ވަނީ، ފަޚުރުވެރިވުން ހައްޤު ކާމިޔާބީއެއް ކަމަށާއި އެއީ 1980ގެ އަހަރުތަކުގައި ރާއްޖޭގައި އެކަމަށް ވަރަށް ބޮޑަށް އަހަމިއްޔަތުކަން ދީގެން، ސަރުކާރުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"އަސާސީ ތަޢުލީމުގެ ނަމުގައި ހިންގުނު މި ކެންޕޭންގެ ސަބަބުން، މިއަދު ރާއްޖެއަކީ ތަޢުލީމު އުގުނުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ރައްޔިތަކު ދިރިއުޅޭ ގައުމަކަށް ވަނީ ހެދިފައެވެ. މި މަސައްކަތުގައި އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުން ކުރެއްވީ، ޝުކުރު ޙައްޤު މަސައްކަތްޕުޅެއްކަމަށް އަޅުގަޑު ހިތުގެ އަޑިން ޤަބޫލުކުރަމެވެމ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގައި ލިޔަކިޔަން ނޭނގޭ މީހުން ވަރަށް މަދުނަމަވެސް، ދުނިޔޭގައި މިވަގުތު ވެސް އެއް ބިލިއަނެންހާ މީހުންނަށް، ލިޔަން ކިޔަން ނޭނގޭ ކަމަށެވެ.

ރާއްޖެއިން އިސްކަމެއް ގޮތުގައި ދެކެން ވީ، ފޮތް ކިޔަން ޝައުގުވެރި ރައްޔިތެއް ދިރިއުޅޭ، ފޮތްތެރި ޤައުމަކަށް، ރާއްޖެ ހެދުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ޅަފަތުގައި ކުދިންގެ ކިބައިގައި ފޮތް ކިޔުމުގެ އާދަ އަށަގަންނާނެ ގޮތަކަށް، ސްކޫލުތަކުގެ ކިޔެވުން ބައްޓަން ކުރަންވީއެވެ. ބެލެނިވެރިންނާއި ޓީޗަރުންނަށް، މި ކަމުގައި އަދާ ކުރެވޭނެ ދައުރު ވަރަށް ވެސް ބޮޑެވެ،" އާޒިމް ވިދާޅުވިއެވެ.

ފޮތް ކިޔުމަށް ދޯޅު މުޖުތަމަޢެއް ރާއްޖޭގައި އުފެދިއްޖެ ނަމަ، މިހާރަށް ވުރެ ބޮޑަށް ރާއްޖޭގެ ރައްޔިތުން ހޭލުންތެރިވާނެ ކަމަށާއި އޭގެ ސަބަބުން ޞިއްޙީ މައްސަލަތަކާއި އިޖްތިމާއީ އެހެނިހެން ބޮޑެތި މައްސަލަތަކުގެ ހައްލު، ފަސޭހަކަމާ އެކު ހޯދުމުގެ ޤާބިލުކަން ހުރި ރައްޔިތުންތަކެއް އުފެދޭނެ ކަމަށެވެ. މިއަދު އެ ވިސްނުމުގައި ރާއްޖެއިން މަސައްކަތްތަކެއް ކުރަން ފަށައިގަންނަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.