ދަޢުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ހާސިލުކުރެއްވި ސްޓެލްކޯގެ މުވައްޒަފުންގެ ޝަރަފުގައި ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ސްޓެލްކޯގެ 16 މުވައްޒަފަކަށް ލިބިފައިވެއެވެ. އެ މުވައްޒަފުންގެ ޝަރަފުގައި އާދީއްތަ ދުވަހު ސްޓެލްކޯގެ ހެޑް އޮފީހުގައި ވަނި ހާއްސަ ހަފުލާއެއް ވަނީ ބާއްވާފައެވެ.
އެ ހަފުލާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދޭހިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދައުލަތް ހީނަރުވެ، ދިވެހި ދައުލަތުގެ އިޤުތިސާދީ މިނިވަންކަން ހީނަރުވާނެކަމަށެވެ.
ކަރަންޓާއި ނުލައި ގައުމުގެ އިގްތިސޯދީ މިނިވަންކަން ޔަގީން ނުކުރެވޭނެކަން ފާހަގަ ކުރައްވާ ފަހުމީ ވަނީ އެ ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
"އަޅުގަނޑުމެން ހިދުމަތް ކުރަނީ، އަދި މިހާތަނަށް ހިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަޤުބަލްގައި ހިދުމަތް ކުރާނީ ދިވެހި ދައުލަތަށް. އެހެންކަމުން ދިވެހި ދައުލަތަށް ހިދުމަތްކޮށްދިނުމުގަ އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ހިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީން ދެއްތޯ،" ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯއަށް ހިދުމަތްކުރުމަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރުން ކަމަށާއި އެހެންކަމުން އެކުންފުނިން ދޭ ހިދުމަތުގައި ކުންފުނީގެ މުވައްޒަފުން ހީނަރުވެއްޖެ ނަމަ ދިވެހި ދައުލަތް ހީނަރުވެ، އަދި ދިވެހި ދައުލަތުގެ އިގުތިސާދީ މިނިވަންކަން ހީނަރުވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މިއަހަރު ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވާފައިވެއެވެ.