ރާއްޖޭގެ އެއްވެސް ރަށެއްގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ އިދާރާތަކަށް މިއަދު އަންގަވައިފިއެވެ. އެ ފިޔަވަޅު އެޅުމަށްޓަކާ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެ ކަންކަން ތަންފީޒުކުރަން ވެސް ރައީސް ވަނީ އަންގަވާފައެވެ.

ރައީސް މިގޮތަށް އެންގެވީ ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު މަރުވި މައްސަލާއާ ގުޅިގެންނެވެ.

އެ އެކްސިޑެންޓުގައި ނިޔާވި ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހު، 23،ގެ ފުރާނައަށް ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވައި، "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވޭނީ ހުރިހާ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ހުއްޓުވައި، މާލެ އާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާ އެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

"މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި،" ރައީސް ވިދާޅުވެފައިވެއެވެ.