ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހު، 23، އަވަދިނެތި އުޅުނީ ރޭ މެންދަރު ހުޅުމާލޭގައި ބޭއްވި މެރެތަންއަށް މީހުން އުފުލުމުގައެވެ. އޭނާ މަސައްކަތް ކުރާ ކަރެންޝަނަލް ސާވިސްގެ އެކުވެރިން މެރެތަންއަށް ގެންގޮސްދިނުމަށެވެ. އެގޮތުން މާލެއިން ރައްޓެއްސަކާއި ހުޅުމާލެއިން އިތުރު މީހަކު ދުވަން ފަށާ ތަނަށް ގެނެސް، ސެންޓްރަލް ޕާކާ ކައިރި ކުރަނިކޮށް، ސްޕޯޓްސް ކާރަކުން ޖެހި، ސަމާހު ވިއްސައިގެން ދިޔައީ 45 ފޫޓް ދުރަށެވެ. ވިއްސައިގެން ގޮސް ޖެހުމުން، ބޮލުގެ ނާށިގަނޑަށް ލިބުނު ފުން ޒަހަމްތަކުގައި ސަމާހު ވަނީ ރޭ ނިޔާވެފައެވެ.
"ހަތާވީސް"އާ ވާހަކަ ދެއްކި ސަމާހުގެ އެކުވެރިން ބުނީ އެކްސިޑެންޓުވުމުން ކާރު އުޅުނީ ފިލަން ކަމަށެވެ. ކާރު ފިލަން އުޅުމުން، އޭގެ ފަހަތުން ދުވަން ފެށުމުން، ކާރު މަޑުކުރީ ކަމަށް ރަށްޓެހިން ބުންޏެވެ.
ފުލުހުން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން، ކާރުގެ ޑްރައިވަރު ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމު ސިދުގީ، 26، ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓުގެ ރިޕޯޓް ލިބުނީ ރޭ 2:48 އެހާކަންހާއިރު ކަމަށާއި ސަމާހު ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ކަމަށް ފުލުހުން ބުންޏެވެ.
ސަމާހު އެކްސިޑެންޓުވީއިރު، އޭނާގެ ފަހަތުގައި އިތުރު މީހަކު އިނެވެ. އޭނާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ނަމަވެސް، މަރުގެ އެތިފަހަރުން އޭނާ ވަނީ ސަލާމަތްވެފައެވެ. ބޫޓަށް އަރައި، ޓީޝާޓުލައި މެރަތަންއަށް ތައްޔާރުވެގެން ހުރި ސަމާހު ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ރަށްޓެހިންނެވެ. ގެންދިޔައީ މަގުމަތިން ޕިކަޕެއް ހުއްޓުވައި އެއަށް އަރުވައިގެންނެވެ.
ދުވުމަށް އަބަދުވެސް ލޯބިކުރާ ސަމާހު ނިޔާވެފައި ވަނީ އަންނަ މަހު ކައިވެނި ކުރަން ވެސް ތައްޔާރުވަމުން ދަނިކޮށެވެ.
ސަމާހުގެ ކަށުނަމާދު އޮތީ މަޣުރިބު ނަމާދަށްފަހު، ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވެއްޖެ
އިންޑިއާ - އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިޔަށް: ސަފީރު
ގއ. އަތޮޅު ޑުރަގް ނެޓްވޯކާ ގުޅޭ 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި