ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރުމުން، ބާރުގެ ބޭނުންކުރުމުގެ ތެރޭގައި ޒަހަމްވި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، 32، ދަންޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު ރާއްޖެ އިން ބޭރަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އަތުހަރުގެ ހަށިގަނޑު މިއަދު ހެނދުނު ރާއްޖެ އިން ބޭރަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އޭނާގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަތުހަރުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ އާއިލާ އިން ދެކޮޅެވެ. ނަމަވެސް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވަނީ އާއިލާއިން ދެކޮޅުހެދި ނަމަވެސް، އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަތުހަރު ދަންޖެހުނު ވީޑިއޯ އޭނާގެ އާއިލާއަށާއި ނޫސްވެރިންނަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ދައްކާފައިވެއެވެ. ވީޑިއޯއިން ފެންނަ ގޮތުން އަތުހަރު ދަންޖެހެން މަސައްކަތް ކުރީ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:32 އެހާކަންހާއިރުއެވެ. ދަންޖެހުނުތާ 30 މެނިޓް ފަހުން 7:02ގައި ތިން ފުލުހަކު ގޮޅިއަށް ވަދެ، އޭނާގެ ކަރުގައި އޮތް ވާގަނޑު ކަނޑާލައި ބިންމަތީގައި ބާއްވާތަން ފެނެއެވެ. ނަމަވެސް ބިންމަތީގައި ބާއްވާފައި އޮތްއިރު، ސީޕީއާރެއް ނުދެއެވެ. ސްޓްރެޗާގައި އޭނާގެ ހަށިގަނޑު ގޮޅިން ނެރެގެން ގެންދިޔައީ 7:05 އެހާކަންހާއިރުއެވެ.

އަންހެނަކު ރަހީނު ކުރި މައްސަލާގައި ޝަރީއަތް ނިމެންދެން އަތުހަރު ބަންދުކުރީ އޭނާ ކޯޓަށް ހާޒިރުކުރުމެއް ނެތިއެވެ. އާއިލާއިން ބުނެފައި ވަނީ އޭނާއަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ވެސް ފުލުހުން ދީފައިނުވާ ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުއްޓާ އަތުހަރު ދަންޖެހުނު މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ދަނީ ތަހުގީގު ކުރަމުންނެވެ.