ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.

ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

އެ އިނާމާ ހަވާލުވެވަޑައިގެންނެވީ ޙުސައިން ޞަލާޙުއްދީނަށް ކާފަ ވިދާޅުވާ އެންމެ ދޮށީ ދަލިކަލުން ހުސައިން ޝިހާބެވެ. އޭނާއާ އެކު އެ އިނާމާ ހަވާލުވެވަޑައިގެންނެވުމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި އަހުމަދު ޝިހާބާއި އިސްމާއިލް ޝަރީފު ވެސް ސްޓޭޖަށް ވަޑައިގެންނެވިއެވެ.

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހީންގެ ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްޤީއަށް މަގުފަހިކޮށްދެއްވައި، ޢިލްމުގެ ނޫރު ފެތުރުއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރައްވައިފައިވާ ޤައުމީ ޚިދުމަތަށްޓަކައެވެ. ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ.

‎ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ޤައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. މި ޚާއްޞަ ޝަރަފު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

ފަޟީލަތުއްޝައިޚު އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނަކީ ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބެވެ. އެމަނިކުފާނަކީ ދިވެހި ޤައުމުގެ ނަމޫނާ ދަރިއެއްގެ އިތުރުން ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ އެންމެ ހަރުދަނާ އެއް ތަނބެވެ. އެގޮތުން އެމަނިކުފާނު ލިޔުއްވި ސިޔަރަތަށް ބަލައިލުމުން ވެސް އެމަނިކުފާނުގެ ޢިލްމުވެރިކަމާއި ޢަރަބި ބަހާއި ދިވެހި ބަހަށް ވެސް ހުރި ކުޅަދާނަފުޅުކަން ސާބިތުވެއެވެ.