ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށާއި، އެއް ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައެކެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަދު ލިބިވަޑައިގެންނެވި ހަތް ބޭފުޅުންނަކީ

  1. ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއްކުރުމުގެ ދާއިރާއިން: އަލްމަރްޙޫމް މުޙައްމަދު ތައުފީޤުގެ ހަނދާނަށް، ތަޅަމުދިގެ
  2. ޞިއްޙީ ދާއިރާއިން: ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފް، ވ. އަކީލާ
  3. ކުދިފަންތި އާއި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން: މުޙައްމަދު މާޖިދު، ހުޅުމާލެ.
  4. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން: މޫސާ ލަޠީފް، މ. ހުސްނޫ
  5. ކުޅިވަރުގެ ދާއިރާއިން: މުޙައްމަދު ނާޞިރު، މ. މެޓްރޯވިލާ
  6. ކުޅިވަރުގެ ދާއިރާއިން: އަޙްމަދު މުޙައްމަދު، ވ. ރޭދުވާ
  7. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ޙަސަންމަނިކު، ވ. ކަންދު

މިއަދުގެ ޖަލްސާގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 10 ބޭފުޅަކަށާއި، ކުންފުންޏައަކީ:

  1. ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްޤާރީ އަޙްމަދު އިބްރާހީމް، ޒަމާނީގެ، ނ. ހޮޅުދޫ
  2. ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން: އަލްއުސްތާޒު ޢަބްދުއްރަޙްމާން ޔޫނުސް، މަޒާ، ރ.އަލިފުށި
  3. ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް ޢިއްޒައްދީން ޢަދުނާން، މާލެ ދަފްތަރު
  4. ދީނީ ރޮނގުން ޚިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން: އައްޝައިޚް އަޙްމަދު މައުމޫން، މާބަގީޗާގެ، ސ.މަރަދޫ
  5. ތަޢުލީމީ ދާއިރާއިން; ފަންނީ މީހުން ބިނާކުރުމުގެ ރޮނގުން: އިސްމާޢީލް ސާޖިދު، މއ. ވިލާރޮދި
  6. ދޮށީގެ މަސްވެރިކަން ކުރުމުގެ ރޮނގުން: އިބްރާހީމް ތައްޚާނު، ވާކަރުގެ، ގއ. ވިލިނގިލި
  7. ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން: ރިޔަން ޕްރައިވެޓް ލިމިޓެޑް
  8. އިޤްތިޞާދަށް މުޅިން އައު ޚިދުމަތްތަކާއި މަސައްކަތްތައް ތަޢާރުފުކޮށް، ތަރައްޤީކޮށް، ކުރިއެރުވުމުގެ ރޮނގުން: ޢާމިރު މަންޞޫރު، މއ. މަނަސް
  9. އޮޑިދޯނިފަހަރު ބަނުމާއި، ޔޮޓްފަހަރު ބަނުމުގެ ރޮނގުން: ޢަބްދުއްރަޙްމާނު ޔޫސުފު، ރީފް، ރ.އަލިފުށި
  10. މީހުން ބިނާކުރުމާއި ތަރައްޤީކުރުމުގެ ރޮނގުން: ފާޠިމަތު ޢުމަރު، ދޯދި، ހއ. ފިއްލަދޫ
  11. ހިލޭސާބަހަށް މަސައްކަތްކުރުމާއި، މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: ޙުސައިން ޢަލީ، ނޫރާނީމާގެ، ނ.ހެނބަދޫ

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.