ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުނުކުރައްވާ ކަމަށް ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށްޓަކައި، އަދީބު ޖަލުގައި އޮންނެވިއިރު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނަމުގައި ހަރަކާތެއް އުފައްދާ އޭގެ އެޑްވައިޒަރަކަށް އޭނާ ހަމަޖައްސަވައި އަދި އެ ހަރަކާތުގެ ރައީސަކަށް ޑރ. މުހައްމަދު ޖަމީލް ހުންނަވައިގެން ޔާމީންގެ ވެރިކަން ނިމުމަކަށް ނުގެންނަންތޯ ސުވާލު ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒާ ބައްދަލުނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އޭނާގެ ނަން ބޭނުން ނުކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންނެވި ކަމަށް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީ ޕީއެންއެފްގެ ބައެއް އިސްވެރިން ތުހުމަތު ކުރައްވައެވެ.

ނަމަވެސް ދާދިފަހުން "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އަދީބު ނޫނަސް އެހެން އެއްވެސް ބޭފުޅެއްގެ އަތުން ފައިސާ ހޯދާފައި ނުވާނެ ކަމަށެވެ.

ރައީސް ވަނީ އަދީބާ އެމަނިކުފާނާ ދިމާވެފައި ހުންނާނީ ސަރުކާރުގެ އެކި ހަފްލާތަކާއި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގައި ކަމަށެވެ.

"އެއްވެސް އިރަކު ނުހުންނާނެ ނައިބު ރައީސަކަށްވި ފަހުން ވެސް ނުހުންނާނެ މީޓެއްކޮށްފައެއް.. ވަކިން މީޓު ކުރަން ވެސް ނާންގަވާ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދާދިފަހުން އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި ވެސް އަދީބާ ބައްދަލުކުރެއްވި ކަމަށް ވާހަކަތައް ފެތުރުނު ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ބައްދަލުވުމެއް އަދީބާއެކު ބާއްވަވާފައި ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.