ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނު ކުރުމުން، ބާރުގެ ބޭނުންކުރުމުގެ ތެރޭގައި ޒަހަމްވި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރު، 32، ދަންޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވި މައްސަލާގައި، ކަންހިނގާދިޔަ ގޮތް ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން އެކްސްގައި ރޭ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް މިދިޔަ މަހުގެ 29ވަނަ ދުވަހު އަތުހަރު ގެންދިއުމަށް މަސައްކަތްކުރުމުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި، އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ފަރާތްތަކަށް އެރޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތާއި އަދި އެ ހާދިސާގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް އާދަމް އަތުހަރު ގެންދިއުމަށްފަހު އޭނާއަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލު ކޮށްފައިވާ ގޮތް ހާދިސާ ހިނގި ރެއިން ފެށިގެން ބަލަމުން އަންނަ ކަމަށެވެ.

މީގެއިތުރުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި އަތުހަރު ހުއްޓާ މިދިޔަ އާދީއްތަ ދުވަހު (ސެޕްޓެމްބަރު 1، 2024) އަމިއްލައަށް މަރުވާން އަތުހަރު އުޅުނު ހާދިސާއާ ގުޅޭ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނައި ވަގުތުން ފެށިގެން ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވެ އެކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ހަމަ އެހެންމެ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އަތުހަރު މަރުވި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ވެސް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ޖަލުގައި އަތުހަރު ދަންޖެހުނު ވީޑިއޯ އޭނާގެ އާއިލާއަށާއި ނޫސްވެރިންނަށް ރޭ ފުލުހުން ވަނީ ދައްކާލައިފައެވެ. ދޫނިދޫ ކުޑަ ކޮޅިއެއްގައި އަހުތަރު ދަންޖެހުނު ވީޑިއޯއަކީ އޭނާ ހުރި ގޮޅީގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއަކުން ނަގާފައިވާ ފޫޓޭޖެކެވެ. އާއިލާ އާއި ނޫސްވެރިންނަށް އެ ވީޑިއޯ ރޭ ދެއްކީ ވަކިވަކިންނެވެ. އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް އެ ވީޑިއޯ ދެއްކުމުގެ ކުރިން، އެންމެ ފުރަތަމަ ދެއްކީ އަތުހަރުގެ އާއިލާއަށެވެ.