ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސް ކަނޑައެޅުއްވުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއްވި ކަމަށެވެ. އަދި މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރާ މަސައްކަތް އެ ޔޫނިއަނުން މަރުހަބާ ކިޔާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންނާ ރައީސް ބައްދަލު ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުވުމުގައި ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުންކަމުގައެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށާއި، އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ މެންބަރުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި، މަސްވެރިކަމުގެ ސިނާޢަތާ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ޙިއްޞާ ކުރައްވާފައިވެއެވެ. މީގެ އިތުރުން ވެސް މިހާރު މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި އެ ބޭފުޅުންވަނީ "ފްލޯ ޕްރައިސް"ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ޚާއްޞަ ބޮއި ހޯދައި ދެއްވުމަށާއި، އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރި ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި މިނިސްޓްރީގެ ކަމާ ގުޅޭ އިސް ބޭފުޅުންނާއި ބީކޭއެމްޔޫގެ މެންބަރުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަ ކުރެއްވި ކަންބޮޑުވުންތަކަށް ގެނެވެން ހުރި ޙައްލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބީކޭއެމްޔޫގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.