އިމިގްރޭޝަންގެ 200 ވުރެ ގިނަ އޮފިސަރުން ގްރޫޕުތަކަށް ބަހާލައިގެން، މާލޭގެ އެކި ސަރަހައްދުތަކަށް ނުކުމެ، ފިލައިގެން އުޅޭ 10 ބިދޭސީއަކު އަތުލައިފިއެވެ.

އެ 10 ބިދޭސީން އަތުލައިގަތީ އިމިގްރޭޝަންގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ގިނަ އަދަދެއްގެ އޮފިސަރުން މާލެތެރެއަށް ނުކުމެ، މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

ހޯމް ލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބުނީ ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށް ހިންގި ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާ ކަމަށެވެ.

"މިދިޔަ ބުދަ ދުވަހު ދެ ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގެ ތެރެއިން މާލޭގެ 582 ތަނެއް ބަލައި ފާސްކޮށް، 1،025 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ. މި ހަރަކާތުގައި، ވިސާ ފުރިހަމަ ނުވާ 273 ބިދޭސީންނަށް ނޯޓިސް ވަނީ ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ،" ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ސަރުކާރު" ވެބްސައިޓުގައި ބުނެފައިވެއެވެ.

އިދިޔަ ބުދަ ދުވަހު އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ/ މޯލްޑިވްސް އިމިގްރޭޝަން

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބައިވެރިވެވަޑައިގެންނެވި އެ އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތްކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ކުރިއަތް ގެންދިޔަ އެ އޮޕްރޭޝަންގައި ޖުމްލަ 211 އިމިގްރޭޝަން އޮފިސަރުން 52 ގްރޫޕްއަކަށް ބަހާލައި މާލޭގެ 26 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.