މި ސަރުކާރު އުފެދުނު ދުވަހުން ފެށިގެންވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެކި ގޮތްގޮތުން ހުރަސް އަޅަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނެފައި ވަނީ ޔަހޫދީން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް، ފަލަސްތީނުގެ ދިފާއުގައި މެދުކެނޑުމެއްނެތި ރާއްޖޭގައި ހުންނަ އެމްބަސީތަކުގެ ކައިރީގައި އަޑުއުފުލަމުން ގެންދިޔަ ދެ އަންހެނުން ހައްޔަރު ކުރުމުން އެކަން ކުށްވެރިކޮށް މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.

އެމްބަސީތަކުގައި ކައިރީގައި އަޑުއުފުލި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ. ޝާދިޔާއަކީ ޑރ. މުހައްމަދު އިޔާޒްގެ އަނބިކަނބަލުނެވެ. ޑރ. ޝަޒްރާއަކީ އެމްއެންޔޫގެ ލެކްޗަރާއެކެވެ.

އެމްޑީޕީގެ ބަޔާނުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން، ހަމަ ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވާއިރު، އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ކޮންމެ ހިޔާލެއް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފަރާތްތަކުން ހިޔާލު ފާޅުކުރަމުން ގެންދިޔައީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށްވާއިރު، އެ ހިޔާލު ފާޅުކުރުން ހުއްޓުވުމަކީ އެމާއްދާގެ ދަށުން ހުއްދަ އަމަލެއް ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައިކަމަށްބުނެ މިސަރުކާރުން ހިންގި އެއްވެސް އަމަލެއްގައި އިހުލާސްތެރިކަމެއް ނެތްކަން، މިހާތަނަށް މިސަރުކާރުން އަމަލުކޮށްފައިވާގޮތަށް ބެލުމުންވެސް ހާމަވެއެވެ،" އެމްޑީީޕީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނީ ފަލަސްތީނަށް އެހީ ފޮނުވުމުގައި އާއި، ބައިނަލްއަގުވާމީ މުޖުތަމައުގައި އަޑުއުފުލުމުގައި އާއި، އަދި ފަލަސްތީނުގެ ހައްގުގައި އަޅާނޭކަމަށް އިއުލާނުކުރި ފިޔަވަޅުތައް އެޅުމުގައިވެސް މި ސަރުކާރުގެ ފުށުން ފެންނަނީ ފަހަތުފަޔަށް ބުރަވުމާއި، އިހުމާލުގެ އަމަލުތައް ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނާމެދު ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި އޮންނަ ހަމްދަރުދީއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އާންމު ޖަޒުބާތެވެ. އެ ޖަޒުބާތުގައި ދިވެހިރައްޔިތުންގެ ތެރެއިން ބަޔަކު ކުރާ ގާނޫނު ހުއްދަކުރާ އަމަލެއްގެ ސަބަބުން ހިފައި ހައްޔަރުކުރެވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ،" އެމްޑީޕީން ބުންޏެވެ.

އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލައިގެން ހައްޔަރުކޮށްފައިވާ ދެ އަންހެނުން ވަގުތުން ވަގުތަށް މިނިވަންކުރުމަށް ދިވެހި ސަރުކާރަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.