ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ގާތް މީހަކު ގެނައުމަށް މަސައްކަތް ނުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވީ އޭނާގެ ދަނބިދަރިފުޅު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަހުމަދު ހިޝާމް ވަޖީހު ޕީޖީގެ މަގާމަށް ގެނައުމަށް މަސައްކަތް ކުރާ ކަމަށް އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް މީހަކު ޕީޖީގެ މަގާމަށް ގެންނަން އުޅޭ ކަމަށް ޝައްކު އުފައްދަނީ އެފަދަ ގާބިލް މީހުން އޭނާގެ އާއިލާގައި ތިއްބެވުމުން ކަމަށެވެ. އަދި ގާތް މީހަކު ޕީޖީގެ މަގާމަށް ވަޑައިގެންފިނަމަ، ރައީސް ޔާމީންގެ ޝަރީއަތް މާ އަވަހަށް ކުރިއަށް ގެންގޮސްދާނެތީ އެކަމާ ބަޔަކު ބިރު ގަންނަނީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ސަންގުޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ބަލާފާނެތީ އެކަމާ ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށާއި އަދުލުވެރި ޝަރީއަތެއް ހިންގައިފިނަަމަ، އެމްއެމްޕީއާރްސީގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތު ނުކުރެވޭ ކަމަށެވެ.
"އެއްވެސް ޖެހިލުމެއް ނުވޭ އެމްއެމްޕީއާފްސީގެ މައްސަލަ ބަލާފާނެތީވެ. އެއްވެސް ވަރަކަށް ކަންބޮޑެއް ނުވޭ. އަޅުގަނޑަށް 100 ޕަސެންޓް ޔަގީންކަން އެބަ އޮތް، އެ މައްސަލާގައި އެއްވެސް ކަމެއް ސާބިތެއް ނުކޮށްދެވޭނެ. އެމްއެމްޕީއާރްސީގެ މައްސަލާގައި ނޯންނާނެ އަޅުގަނޑުގެ އެއްވެސް ދައުރެއް. އަޅުގަނޑު އޭގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައެއް ނޯންނާނެ. އެހެންވީމަ އަޅުގަނޑު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް،" އަބްދުއްރަހީމް މިރޭ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ދިން ކަމަށް ބުނާ މީހުންގެ ލިސްޓުގައި އަބްދުއްރަހީމްގެ ނަން ހިމެނެއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީފައިވާ ބަޔާނެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އެ ލިސްޓުގައިވާ ގޮތުން ޕީޕީއެމްގެ ބައި އިލެކްޝަނަކަށް އަބްދުއްރަހީމަށް ހަ މިލިއަން ރުފިޔާ ދީފައިވެއެވެ. އަދި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް 1.4 މިލިއަން ރުފިޔާ އަބްދުއްރަހީމަށް ދީފައިވާ ކަމަށް އެ ލިސްޓުގައި ބުނެފައިވެއެވެ.