ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް އިއްޔެ އިން ފެށިގެން ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށް ނިންމީ ބަގާވަތްކޮށް ސަރުކާރު ވައްޓާލަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އިން އިއްޔެ ހެނދުނު ނިންމި އެ ނިންމުން އިއްޔެ ހަވީރު ވަނީ އިހު އޮތް ގޮތަށް ބަދަލުކޮށްފައެވެ. އެގޮތަށް ބަދަލުކުރީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އަންގައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެކަމާއި ގުޅިގެން އިއްޔެ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އިން އެ ނިންމުން ނިންމީ އެކަން ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށް ކަމަށެވެ.

ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން ރޭ ޕީއެންސީ ހައުސްގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަން ތަހުގީގު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަން ބަލާނީ މިނިވަންކޮށް ކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ މެޖޯރިޓީ އޮތް ކަމަށް އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން ބީއެމްއެލްގައި އަދި ތިބީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުން ކަމަށާއި ދެން ތިބި ފަސް މީހުންނަކީ ސަރުކާރުގެ ޑިރެކްޓަރުނެއް ނޫން ކަމަށަ ރައީސް ވިދާޅުވިއެވެ.

" އެހެންވީމާ އަދި ނެތް މެޖޯރިޓީއެއް. އަޅުގަނޑުމެންގެ ދެ ޑިރެކްޓަރުންގެ ނަން ފޮނުވައިގެން އަދިވެސް އެ ބޭފުޅުންގެ އެ އޮންނަ ޕްރޮސީޖާއެއްގެ ތެރެއިން ދެތިން ހަފުތާ ވާނެ އެ މީހުން އައްޔަންކުރަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބީއެމްއެލް އިން އެ ނިންމުން އިއްޔެ ބާތިލްކުރީ ޕްރައިވެޓް ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޗަޕްމާ ހުސެއިން އަފީފްގެ އެހީތެރިކަމާއި އަދި އިއްޔެ ހެނދުނުންސުރެ ކެބިނެޓުގައި ކުރެވުނު މަސައްކަތުން ކަމަށެވެ.

"ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ. މި ކުރި ކަންތައް މިއީ ހަމަ ޝިޔާމް ވެސް ފާހަގަކުރެއްވި ގޮތަށް، މި ވާނީ އެޓެމްޕްޑެޓް ކޫއަކަށް [ބަގާވާތް]" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް ބޭނުން ނުކުރެވޭ ގޮތަށް ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އެކަމުގެ އަޑީގައި ތިބެ، ސަރުކާރު ބަދަލު ކުރަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށް އެކަމުގެ ތަހުގީގެއް ފުލުހުން ވަނީ ތަހުގީގެއް ފަށައިފައެވެ.

ނަމަވެސް ރައީސް ވަނީ އެ ތަހުގީގަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި އެ ތަހުގީގު ދާނީ މިނިވަންކަމާއެކު ކަމަށް ވިދާޅުވެފައެވެ.

ރޭ ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކް، ބީއެމްއެލް އިން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގެ އެތައް ސަތޭކަ ބޮޓް އެކައުންޓުތައް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީފައިވާ ކަމަށެވެ.

އެކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން އެ މައްސަލަ ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.