ރާއްޖޭގެ ހާލަތު މި ހިސާބަށް ވެއްޓުނީ ކުރީގެ ރައީސް "އިބޫ ނޫން ގޮތެއް" ހޯދަން ކަމަށް ބުނެ ޑިމޮކްރަޓްސް ޕާޓީން ކުރި މަސައްކަތުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ރޭ ވިދާޅުވީ މިއަދު ފެންނަމުން ދަނީ އަމިއްލަ އެދުމުގައި "އިބޫ ނޫން ގޮތެއް" ހޯދަން ކަމަށް ބުނެ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓްސް ޕާޓީން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ރާއްޖެ މިހާރު އޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ޑިމޮކްރަޓްސް ޕާޓީން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހާލަތަށް ވެއްޓުމުގެ އެންމެ ފުރިހަމަ ޒިންމާއެއް ނަންގަވަންޖެހޭ ބޭފުޅުންނަކީ އެއީ. އަމިއްލަ ބޭނުންތަކަށް, އަމިއްލަ އެދުމަށް އިބޫ ނޫން ގޮތެއް ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވީ. އާދެ މިއަދު އެކަމުގެ ހިތާމައިގެ ފެށުން ދިވެހި ރައްޔިތުން ތަހައްމަލު ކުރަމުން މި ދަނީ. ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ނުދެވި, އަމިއްލަ ވިޔަފާރިތައް ހުއްޓޭ ހިސާބަށް ގޮސްފައި ވިޔަސް އެމްޑީޕީ މަޑުން ތިބީ ގައުމު ބަނގުރޫޓްވެގެން ރައްޔިތުން ނިކުމެ ގައުމުގެ ވެރިކަން ވައްޓާލަން ބޭނުން ނުވާތީ ކަމަށެވެ. ނަމަވެސް ސަރުކާރުން ކަންކަން ރަނގަޅުކުރަން މަސައްކަތް ނުކޮށް, ކުރީގެ ސަރުކާރާ ހުރިހާ ކަމެއް ގުޅުވަން ތިބެއްޖެނަމަ އެ ހިސާބަށް ގޮސްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން މުލިއާގޭގެ ޖަކޫޒީއަށް ދިވެހި ރައްޔިތުން އަރައިގެން ތިބޭތަން ބަލާކަށެއް. އަޅުގަނޑުމެން ބޭނުމެއް ނޫން މުލިއާގޭގައި ހުރި ކަރޯކޭ ސިސްޓަމްތައް ނަގައިގެން ދިވެހި ރައްޔިތުން ލަވަ ކިޔާތަން ބަލަން ތިބޭކަށެއް. އާދެ އަޅުގަނޑުމެން ބޭނުމެއް ނޫން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ފުރައިގެން ގޮސް ލަންކާގެ ހިމާޔަތަށް ދާކަށެއް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނުމުން އެ ނިންމުމަށް އެ ޕާޓީން އިހްތިރާމްކުރި ކަމަށެވެ. އަދި ގައުމުގެ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރުމުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.