ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ އަށް ހުށަނާޅާ ވެސް ބައެއް ފަރާތްތަކުން ކުރީގެ ސަރުކާރުން ބަދަލު ދީފައި އެބަހުރި ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ބަދަލު ދީފައި ހުރީ ހަމައެކަނި ނަގުދު ފައިސާ އިން ނޫން ކަމަށެވެ. ބައެއް ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފަޅުތަކާއި ރަށްތައް ދީފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަދަލު ދިނުމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކުރަން ފެށީ ބަންޑާރަ ނާއިބުގެ އޮފީހުގައި އެކަމަށް ހާއްސަ ކޮމެޓީއެއް ހަދައިގެން ކަމަށެވެ. އެގޮތުން އޭރު ބަދަލު ދިނުމުގެ ބައެއް މަސައްކަތްތައް ކުރަމުން ދަނިކޮށް، މަޖިލީހަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެ މަސައްކަތް ހުއްޓާލައި ރައީސް އޮފީހުން އެކުލަވާލި އުސޫލެއްގެ ދަށުން ޝަކުވާ ހުށަހެޅުމަށް [ބަދަލު ހޯދުމަށް] ހުޅުވާލި ކަމަށެވެ.

އުޝާމް ވިދާޅުވީ އޭރު ހުށަހެޅުނު ޝަކުވާތަކާއި ރައީސް އޮފީހުން އެކުލަވާލާފައިވާ ސެޓްލްމަންޓް ކޮމެޓީން 10 ފަރާތަކަށް ބަދަލު ދިނުމަށް ނިންމި ކަމަށެވެ. އޭގެތެރޭގައި ބައެއް ފަރާތްތަކަށް ފައިސާގެ ބަދަލާއި އަނެއް ބަޔަކަށް ރިސޯޓާއި ފަޅުތައް ދޫކޮށްފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

"އިންތިގާލީ މަރުހަލާގެ ތެރޭގައި ވެރިކަން ބަދަލުވުމުގެ ދެތިން ދުވަސް ކުރީންވެސް މި ދެންނެވި ކޮމެޓީ އަށް ހުށަނާޅާ ވެސް ބައެއް ފަރާތްތަކަށް ބަދަލު ދީފައި ހުރިކަން. ބައެއް ފަރާތްތަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ދައުލަތުގެ އެސެޓުތައް ރަށްތައް ފަޅުތައް ދީފައި ހުރިކަން މިހާތަނަށް ހޯދި ހޯދުންތަކުން ފާހަގަކުރެވިފައި ވަނީ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ކުރީ ސަރުކާރުން ބަދަލު ދީފައި ހުރި ގިނަ މައްސަލަތަކުގައި ބަދަލު ދީފައި ހުރީ ގާނޫނާ ހިލާފަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ދީފައިވާ ހުރިހާ ބަދަލެއް ކެންސަލް ކުރާނެ ކަމަށާއި އެއީ ކޯޓަށް ގޮސްގެން ކެންސަލް ކުރަން ޖެހުނު ނަމަވެސް އެކަން އެގޮތަށް ކުރާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.