ކައުންސިލް އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިޔާސީ މުވައްޒަފުން އައްޔަން ކުރުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައިފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަޚްޞެއްކަން ލާމަރުކަޒީ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރައީސް ޑރ. މުއިއްޒު އެ ކައުންސިލުތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރަމުންދަނީ ކައުންސިލުތަކުގެ ބާރު ކަނޑުވާލުމަށް ކަމަށެވެ.
"ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލް އިދާރާތަކަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސިޔާސީ މުވައްޒަފުން އައްޔަނުކުރުމުގެ ބާރު ރައީސް ޑރ.މުއިއްޒަށް ލިބިވަޑައިނުގަންނަވާތީ، ކައުންސިލް އިދާރާތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރުން ހުއްޓާލުމަށް މިޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ކަނޑުވާލުމަށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ބަޔާނުގައި ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.
އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށައަޅާ ފާސްކުރެވެމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ގުނަ ހުރަސްތައް ކުރިމަތިވާނެ ކަމަށެވެ. މަޖިލީހުން ފާސްކޮށްފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ސަބަބުން ލާމަރުކަޒީ ގާނޫނުގައި ރަށްރަށުގެ ބިންޕްލޭންކޮށް ހިންގުމުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލާ ރަށުގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމަ ބާރު ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"މި ވަގުތު ކޮމިޓީ މަރުހަލާގާ އޮތް އާރބަން ޑިވޮލޮޕްމަންޓް ބިލް ސަރުކާރުން މިހާރު ހުށައަޅަފައިވާ ގޮތަށް ފާސްކުރެއްވިއްޖެނަމަ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައެޅި މުހިއްމު އަސާސްތައް މުގުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
"ކަންމިހެން އޮތުމާއެކު ސަރުކާރުގެ ސުޕަރ މެޖޯރިޓީއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅިދާނެ ގާނޫނުތަކާމެދު ރަށު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާއި އަދި ގުޅުންހުރި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކާ، ސިޔާސީ ޕާޓީތަކާއެކު ހުޅުވާލެވިފައިވާ، ބިނާކުރުވަނިވި މަޝްވަރާއަކަށް ދިއުމަށް ގޮވާލަމެވެ. އަދި އެފަދަ މަޝްއަރާއާއެކު މެނުވީ އެފަދަ ބިލުތައް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލިހަށް އިލްތިމާސްކުރަމެވެ."