ގޭގައި ކާބޯތަކެތި ހަދާ ނަމަ ލައިސެންސެއް އޮންނަންޖެހޭނެ ކަމަށާއި އަދި ފިހާރަތަކުގައި އެފަދަ ތަކެތި ވިއްކުމަށް ވެސް ހާއްސަ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވެއްޖެއެވެ.
ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނަށް މާދަމާ އަމަލުކުރަން ފަށާނެއެވެ. އެކަމާއި ގުޅޭ ގޮތުން މިއަދު ހެނދުނު ނޫސްވެރިންގެ ބައްދަލުވުމެއް ހެލްތު މިނިސްޓްރީގެ ފަރާތުން ބޭއްވިއެވެ. އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ވަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގޭގައި ކާބޯތަކެތި ހަދާ ނަމަ ލައިސެންސެއް އޮންނަންޖެހޭ ގޮތަށް ގަވާއިދު އެކުލަވާލާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހޯމްބޭސްޑްކޮށް ހަދާ ތަކެއްޗަށް ލައިސަންސް ދޫކުރަން ފެށޭ ހިސާބުން އެ މިންގަނޑުތަކަށް އެކަން ކުރެވޭ ކަމަށްވާ ނަމަ އެފަދަ ކަންކަން ރަނގަޅު ގޮތުގައި ކުރިޔަށް ދާނެ ކަމަށާއި އަދި އެއާ ހިލާފުވެއްޖެ ނަމަ، އެ އެއްޗެއް އުފައްދާ މީހާ އެނގޭނެ ކަމަށެވެ.
މީގެއިތުރުން މާލޭގައި ބައެއް ގެތަކުން ކުޑަ ތަންކޮޅެއް ހަދައިގެން ހެދިކާ ފަދަ ތަކެތި ވިއްކަމުން އަންނަ ކަމަށާއި އެފަދަ ތަންތަނުން ވެސް ދެން ހުއްދަ ނަގަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގާނޫނުގައި މި ބުނާ ޖޫރިމަނާ އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. ނޫނިއްޔާ އެކަމަކީ އާދަޔާ ހިލާފަށް އިންސާނީ ސިއްހަތަށް ގެއްލުންވާ ކަމެއް ނަމަ، ކްރިމިނަލް ދައުވާ ކުރުމުގެ ބާރު ވެސް ލިބޭނެ،" މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
މީގެއިތުރުން މިއަދު ހަވީރު އިކޮނޮމިކް މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީގެ އިތުރުން ހެލްތު މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހަލީލް ވަނީ ކާނާއާ ގުޅޭ ގިނަ މައްސަލަތައް މިހާރުވެސް ގުޅިފައި ހުރީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ކަހަލަ ތައްޔާރީ ކާނާ ވިއްކަން ލާފައި ހުންނަ ފިހާރަތަކުން މުއްދަތު ހަމަވެފައި ހުންނަ ތަކެތިވެސް ވިއްކާ ކަމަށާއި އެފަދަ ތަންތަނާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ ތައްޔާރީ ކާނާ ވިއްކާ ފިހާރަތަކުން އެކަމަށް ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށެވެ.