ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމުން މަސްވެރިކަމުގެ ސިނާއަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ ސަބަބުން ރާއްޖެ އަށް ލިބިގެން ދާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ.

ލޭނުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވައިލުމަށް ނިންމުމާއި ގުޅިގެން ބައެއް މަސްވެރިންނާއި މަސްވެރިންނާއި ގުޅުންހުރި ޖަމިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެކުރިން ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަމުން ދިޔައެވެ. އަދި އެކަމާއި ގުޅިގެން މީގެކުރިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އޮޑިޓެއް ވެސް ހެދިއެވެ. ލޭނުގެ މަސްވެރިކަން ކުރީގެ ސަރުކާރުން ހުއްޓާލީވެސް އެ އޮޑިޓުގައިވާ ކަންކަމުގެ ސަބަބުންނެވެ.

ނަމަވެސް ކުރީ ސަރުކާރުން ލޭނުގެ މަސްވެރިކަން ހުއްޓާލީ އީޔޫގެ އެއްވެސް އެންގުމަކާއި ގުޅިގެން ނޫން ކަމަށް މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ލޭނުގެ މަސްވެރިކަން ކުރީ ސަރުކާރުން ހުއްޓާލުމަކީ އޭރުގެ ސަރުކާރުން ނިންމި ސިޔާސީ ނިންމުމެއް ކަމަށެވެ.

ލޭނު އެޅުމުގެ މަސްވެރިކަމަކީ ވަރަށް ގިނަ ގައުމުތަކުން ކުރާ ކަމެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ އެކަމަށް ނުކުންނަން މަސައްކަތް ކުރަނީ މަސްވެރިކަން ޑައިވާސިފައި ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ކީއްވެގެންތޯ އެކަން [ލޭނު އެޅުން] ނުކުރަންވީ. އެ މަސްވެރިކަން ވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކަޅުބިލަމަހުގެ މަސްވެރިކަން މި ކުރާ ގޮތަށް އޭގައި އޮތް އެންމެ ސަސްޓެއިނަބަލް، އެންމެ ރަނގަޅު މެނޭޖްމެންޓެއް ގެންގުޅެވޭތޯ،" ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ އީޔޫގެ ގައުމުތަކަށް އެތެރެކުރާ މަހުގެ ޓެރިފް ކުޑަކުރަން ރާއްޖެ އިން މަސައްކަތް ކުރަމުން އަންނަތާ 12 އަހަރުވެފައިވާ ކަމަށާއި އެކަމަކު އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށެވެ.