އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޮސްލަރ، މިއަދު އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީ އޮފީހުގައި އޮތް މި ބައްދަލުވުމުގައި ޝާހިދުގެ އަރިހުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާ ރޮޒައިނާ އާދަމްއާއި، ޒުވާނުންގެ ހިތްވަރުގެ ރައީސާ ރިފްޤާ ޝިހާމްއާއި، ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރު އަދި އެމްޑީޕީ ސަރުކާރުގެ ވަޒީރު އާމިނަތު ޝައުނާގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީޤް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އެކުލަވާލުމަށް މަސައްކަތްކުރަމުންދާ ފްރީ ޓްރޭޑް އެގްރިމެންޓްގެ މަސައްކަތް އެމަނިކުފާނުގެ ޚާރިޖީ ވަޒީރުކަމުގައި ފެށުމަށް އިނގިރޭސިވިލާތުން ދެއްވި އެއްބާރުލުމަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
އަދި ހަމައެއާއެކު ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމާ ގުޅޭ މަޝްވަރާތައް އެމްޑީޕީ ސަރުކާރުގައި ފެށިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގެ ކުރީކޮޅު ދިވެހިރާއްޖޭގައި އިނގިރޭސިވިލާތުގެ ރެޒިޑެންޓް ހައިކޮމިޝަނެއް ހުޅުވި، ރެޒިޑެންޓް ސަފީރެއް ފުރަތަމަ ފަހަރަށް ކަނޑައެޅުއްވުމަކީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެފައިވާކަމުގެ ހެއްކެއްކަމަށް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމަށް އިނގިރޭސިވިލާތުން ކުރިންވެސް ދެމުން އަންނަ އެހީތެރިކަން ކުރިއެކޭ އެއްގޮތަށް ކުރިއަށް އޮތްތަނުގައިވެސް ދެމުންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
އިނގިރޭސި ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި، އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހަށް އަންނަމުން ދިޔަ ބަދަލުތަކާއެކުވެސް، ދިވެހިރާއްޖެއާއެކު އޮންނަ ގާތް ގުޅުން ދެގޮތެއް ނުވެ ކުރިއަށް ގެންދަވާ، އަދި އެގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރެއްވި މަސައްކަތްޕުޅަށް އިނގިރޭސި ސަފީރަށާއި، އިނގިރޭސިވިލާތުގެ ސަރުކާރަށް ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ