ކޮވިޑް-19 ގެ ދުވަސްވަރު ޕީ.ސީ.އާރު ޓެސްޓް ހެދުމަށް އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް (އާރު.އެމް.އެލް.އެސް ލެބް ސަރވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އައި.ޖީ.އެމް.އެޗްގެ ކުރީގެ ތިން ވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ހުށަހެޅުނު ފަރާތްތަކަކީ، ކޮވިޑް-19 ގެ ދުވަސްވަރުގައި އައި.ޖީ.އެމް.އެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ ލަތީފާއި އައި.ޖީ.އެމް.އެޗްގެ ކުރީގެ ސީ.އީ.އޯ އިބްރާހީމް ސަލީމްގެ އިތުރުން އައި.ޖީ.އެމް.އެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ.މިލްޒާ ައބްދުލްމުހުސިންގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހެޅީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން ޑރ. އަލީ ލަތީފް އަދި އޭނާގެ މަސްލަޙަތު އޮންނަ އާރު.އެމް.އެލް.އެސް ލެބް ސަރވިސަސް އިން މަނީލޯންޑާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ.

އަދި ޑރ. އަލީ ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅާފައިވާ ޓެކުހާއި ގުޅޭ ލިޔެކިޔުންތަކަށް ބަލާއިރު ޓެކުހަށް މަކަރުހަދައި އޮޅުވާލާފައިވާ ކަމަށް ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން ތުހުމަތު ކުރެވޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވާފައިވާ ކަމަށްވެސް ބުންޏެވެ.

އޭގެއިތުރުން، އެ މައްސަލައިގައި، ޑރ. އަލީ ލަތީފް އަދި ޑރ.މިލްޒާއާ ގުޅިގެން ފާހަގަކުރެވުނު ކަންކަން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް އަދި އެ ދެ ފަރާތާއިމެދު ފިޔަވަޅެއް އަޅުއްވަން ޖެހޭކަމުގައި ވާނަމަ އެ ފިޔަވަޅެއް އެޅުއްވުމަށްފަހު، އެކަން އެ ކޮމިޝަނަށް ހިއްސާ ކުރުމަށް ވަނީ އަންގާފައެވެ.