ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީއެސްއެމް އިން ކުރިޔަށް ގެންދާ 'ފަލަސްތީނާއެކު ދިވެހިން' ޓެލެތޯނުން ލިބުނު 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) ޖަމާކޮށްފިއެވެ.

އެ ފައިސާ ޖަމާ ކޮށްފައި ވަނީ އިއްޔެ ކަމަށްވެއެވެ. އެ ފައިސާ އަންރުއާ އަށް ޖަމާކޮށްފައި ވަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) މެދުވެރިކޮށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ޖުމްލަ 19،186،851.5 ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 18،418،922.24 ދިވެހި ރުފިޔާއާއި 49،800 ޑޮލަރާއި 86 ސެންޓު ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

ޕީއެސްއެމް ނިއުސްގައިވާ ގޮތުގައި ޓެލެތޯނަށް ލިބުނު ފައިސާގެ ތެރެއިން 15،495،613.31 ރުފިޔާއަކީ އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އަދި އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި 37919 ޑޮލަރުވެސް ލިބިފައިވެއެވެ.

މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ބެހެއްޓި ފަންޑު ފޮށިތަކަށް 1،417،549.93 ރުފިޔާ ލިބިފައިވާއިރު 11،768 ޑޮލަރުވެސް ފަންޑުފޮށިތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން ޕީއެސްއެމުން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްގެ ތެރޭގައިވެސް 1،505،759 މިލިޔަން ރުފިޔާއާއި 113 ޑޮލަރު ލިބިފައިވެއެވެ.