މި ހަނި ގޯޅިގަނޑު ތެރޭގައި އުމުރުން 32 އަހަރުގެ އަރްފާތު ހޮސެއިން ދިރިއުޅޭތާ ތިން އަހަރު ވެއްޖެއެވެ. އޭނާ ކައްކަނީ ކުޑަ ގޮޅިއެއް ކަހަލަ ތަނެއްގައެވެ. ތިން ބުރިއަށް ނަގާފައިވާ އެ ގޮޅިއަކީ ނުތާހިރު، ނަޖިސް ތަނެކެވެ. ތަރުތީބެއް ނެތި، މުޅި ތަނުގައި ހުރީ ކެއްކުމަށް ބޭނުންކުރާ ސާމާނެވެ. މުޅި ތަނުން ދުވަނީ ނުބައި ވަހެވެ.

ވެއިޓަރަކަށް ރާއްޖެ ގެނައި، އަރްފާތު ކެއްކުމުގައި ބުޅާ މަސް ބޭނުން ކުރާ ކަމުގެ ތުހުމަތު ކުރެވެއެވެ. އެކަމަށް ބާރު ދެނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ވާހަކަތަކެވެ. އަދި އޭނާ ދިރިއުޅޭ ސަރަހައްދުން ފެނުނު ބުޅަލުގެ ބައިތަކުންނެވެ.

"އެތަނުން އަބަދު ބުޅާ ގޮވާ އަޑު، ރޯއަޑު އިވޭނެ. މިރޭ ނޫނިއްޔާ ކޮންމެ ރެއަކު އަޑުއިވޭނެ،" އެ ސަރަހައްދުގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ.

އެ އަންހެން މީހާ ބުނީ އަރަފާތު "އެއް ދުވަހު، އެއް ބުޅަލެއް" ގެއްގުޅޭތަން ނުފެންނަ ކަމަށެވެ. ފެންނަނީ ކޮންމެ ދުވަހު ތަފާތު ބުޅަލެއް އޭނާ ގެންގުޅޭތަން ކަމަށެވެ.

"ކުރިން ދުވަހަކު ވެމްކޯ މީހުން ކުނި ނަގަން އައިއިރު، ކޮތަޅެއް ކައިރީގައި ބުޅަލުގެ ބޮލެއް އޮތް. ބޯ އެކަނި އޮތީ، ދެން އޮތީ ހަންގަޑު. އެތެރެ ބައެއް ނެތް،" އަންހެން މީހާ ބުންޏެވެ،

އަރަފާތު ދިރިއުޅޭތަން ބަލާލުމުން އެއީ ބުޅާ ގެންގުޅެވޭނެ ތަނެއް ނޫންކަން އިނގެއެވެ. އެތަނުގައި ހިނގާބިނގާވާނެ ތަންކޮޅެއް ނެތެވެ.

މި ގޯޅިގަނޑުގައި ދިރިއުޅޭ މީހުން ސިފަކުރަނީ އޭނާއަކީ "އުނދަގުލެއް" ގޮތަށެވެ. ތާށި ގޯޅިގަނޑުގެ ތެރޭގައި އަބަދު ކައްކާތީ، އޭނާގެ އުނދަގޫ ބޮޑުވެގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރި ކަމަށް އާންމުން ބުންޏެވެ. އެ މައްސަލަ މާލެ ސިޓީ ކައުންސިލަށާއި ފުލުހުންނަށް ހުށަހެޅި ކަމަށެވެ.

"ޖަވާބުގައި ބުނަނީ އެ މީހަކު ކުއްޔަށް އުޅޭ ތަނެއްގައި ބޭނުން ކަމެއް ކުރެވޭނެ ނޫންތޯއޭ. އެކަމަކު ކިހިނެއްތޯ އެ ވަރަށް ކައްކާއިރު، އަޅުގަނޑުމެން މިތާ ދިރިއުޅޭނީ. މުޅިތަން މި އޮންނަނީ ހޫނު އަރާފަ،" ގަލޮޅުގެ ތާށި ގޯޅިގަނޑުގައި ދިރިއުޅޭ އަންހެން މީހާ ބުންޏެވެ.

އެތަނުގައި ދިރިއުޅޭ މީހުން ބުނާ ގޮތުން އަރަފާތު، ދަންވަރު ކައްކަން ފަށާ ގޮތަށް ހުއްޓާލަނީ ހަވީރުއެވެ.

އޭނާގެ އުނދަގޫ ބޮޑުވެގެން، އެ ގޯޅިގަނޑުގައި ދިރިއުޅޭ މީހުން އެތައް ފަހަރަކު އެނާއަށް ނަސޭހަތް ދިނެވެ. ޖަވާބުގައި އަރަފާތު ބުނަނީ އޭނާ އެތަނުން ބޭރު ނުކުރެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ވެސް ނުހުއްޓުވޭނެ ކަމަށެވެ.

އަރަފާތު އިންޒާރު ދިން ދިވެހިންގެ ކައިރީގައި އޭނާއަކީ ބަންގުލަދޭޝްގައި މީހުން މަރާފައިވާ މީހެއް ކަމަށާއި އެހެންކަމުން އޭނާއާ ނުބެހުމަށް ވާހަކަ ދައްކާފައިވެއެވެ.

ބުޅާ މަރައި، އޭގެ މަސް ބޭނުންކޮށްގެން ކާ އެއްޗެހި ހަދާ މީހެއް ކަމުގެ ތުހުމަތު އަރަފާތަށް ކުރެވުނީ މާލޭ ދެކުނު ފަރާތު، އިންޑަސްޓްރިއަލް ޒޯން ހިމެނޭ ބަނދަރު ސަރަހައްދުގައި އުޅޭ ބުޅާތައް ހިފަން ގޮސް ހުއްޓައެވެ. ބުޅާތަކުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ފެލީން ވެލްފެއާ އޯގަނައިޒޭޝަންގެ ބަޔަކަށް އަރަފާތު ފެނިގެން ސުވާލު ކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ރަބަރު ކޮތަޅެއް ހިފައިގެން އެތަނަށް ގޮސް، ހުއްޓާ އޭނާއާ ސުވާލު ކުރުމުން އަރަފާތު ބުނީ ބުޅާ ހިފަނީ ގެއަށް ގެންދިއުމަށް ކަމަށެވެ.

އޭނާ އާންމުކޮށް ކައްކަނީ ބިދޭސީންނަށެވެ. ނަމަވެސް ސަބްމެރިން އާއި ބާގާފަދަ ތަކެތި، ހަދައި ފިހާރަތަކަށް ވިއްކަން ލާ ކަމަށްވެއެވެ.

މައްސަލަ ފެންމަތިވުމުން، އިއްޔެއިން ފެށިގެން އަރާފާތު އުޅުނީ ފިލައިގެންނެވެ. ނަމަވެސް މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުން ވަނީ އޭނާ ހޯދައި ހައްޔަރުކޮށްފައެވެ.