ކުޑަކުއްޖަކު އޭނާގެ ކާފަ އެކައުންޓުން 1.8 މިލިއަން ރުފިޔާ ވަގަށް ނެގުމަށްފަހު އެހެން މީހުންނަށް މައްސަލާގައި ފައިސާ ލިބުނު މީހާ 113،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ފެންމަތިވި އެ މައްސަލާގައި ކާފަ ދަރިފުޅު ކާފަގެ އެކައުންޓުން 1.8 މިލިއަން އެހެން މީހުންގެ އެކައުންޓަކަށް ފޮނުވީ އިންޓަނެޓް ބޭންކިން މެދުވެރިކޮށެވެ.

އެ މައްސަލާގައި ހއ. މޮޅަދޫ މިސްރާބު ހަސަން ނާހިދުގެ މައްޗަށް ދައުވާކުރީ އެ ފައިސާ ނާހިދާއި އޭނާގެ އޭރުގެ އަންހެނުންގެ އެކައުންޓަށް ފޮނުވުމުން އެ ފައިސާ ބޭނުންކުރި މައްސަލާގަ އެވެ. އެ ދެ މީހުންގެ އެކައުންޓަށް ފޮނުވި 1.8 މިލިއަންގެ ތެރެއިން 1.6 މިލިއަން ރުފިޔާ ފުލުހުން ހޯދި އެވެ.

ނާހިދުގެ މައްޗަށް 1.8 މިލިއަންގެ ޖޫރިމަނާއެއް އިއްވީ ޕީޖީން އޭނާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އޭނާ ކުށަށް އިއުތިރާފްވުމުންނެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ އެ ކުށަށް އިއުތިރާފުވެއްޖެ ނަމަ، ދައުލަތުން އެއްބަސްވީ ޖޫރިމަނާގެ އަދަބެއް އިއްވުމަށެވެ.

ކްރިިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާއާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނާއި އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު އޭނާއަށް ދެވޭނީ 113,800ރ. ގެ ޖޫރިމަނާއެއް ކަމަށެވެ. އަދި އެ ފައިސާ 18 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.