ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓާސްކް ފޯސްއެއް މިރޭ އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު "އެކްސް"ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީރުން ހިމެނޭ ގޮތަށް ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓާސްކް ފޯސް އުފައްދަވައި، ޓާސްކް ފޯސް ރައީސް މިރޭ ޗެއަރ ކުރައްވާފައިވާ ކަމަށެވެ.
ރައީސް އުފެއްދެވި ޓާސްކް ފޯސްއަކީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކަައި އުފެއްދެވި ޓާސްކް ފޯހެއް ކަމަށް ހީނާ ވިދާޅުވިއެވެ.
މިޓާސްކްފޯސްގައި ހިމެނި ވަޑައިގަންނަވަނީ
- މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް
- ޢަލީ އިޙްސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
- ޑރ. އިސްމާޢީލް ޝަފީޢު - މިނިސްޓަރ އޮފް އެޑިޔުކޭޝަން
- ޑރ. ޢަބްދުﷲ ޚަލީލު – މިނިސްޓަރ އޮފް ހެލްތް
- ޠާރިޤް އިބްރާހީމް - މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
- އާދަމް ޝަރީފް ޢުމަރު - މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
- ޢަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް
- ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ
- ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
"ކުރިއަށްއޮތް ގަޑިތަކުގައި ވިއްސާރަވެއްޖެނަމަ މަގުތަކުން ފެންހިންދުމަށާއި އަދި އާއްމު ރައްޔިތުން އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ތައްޔާރީ ހާލަތެއްގައި އޮތުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ." ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.