ސްކޫލްތަކުގެ އިނާމު ދިނުމުގެ ޖަލްސާއަކަށް މެހެމާނަކަށް ދިޔަ ނަމަވެސް ރަސްމިއްޔާތުގައި އިބްރާހިމް ޝަމީމަށް އޭނާގެ ފޮޓޯއެއް ނުލިބުނީ އޭނާ ފަލަކަމުން ބަނޑު ފެންނަން ހުރުމުންނެވެ. ނަމަވެސް ސްކޫލްގެ އިސްވެރިންނަށް އެ ވާހަކަ ބުނަން ނުކުރޭތީ އެ މީހުން ބުނީ ފޮޓޯއެއް ނެގިފައި ނެތީ ކަމަށެވެ. ފްލައިޓްގައި ދަތުރު ކުރާއިރު, އޭނާގެ ބަނޑާ ހެދި ސީޓްކުރިމަތީގައި ހުންނަ ޓްރޭ ހުޅުވާނުލެވެ އެވެ. އެހާ ފަލަކޮށް ހުންނަން ޖެހުމުން މީހުންގެ ފަރާތުން ކުރިމަތިވަމުން އައީ ހިތްދަތި ބަސްތަކެވެ.

ބަރުދަން ލުއިކުރުމަށްޓަކައި ޝަމީމް އެތައް ފަހަރަކު މަސައްކަތްކުރި ނަމަވެސް ކޮންމެ ފަހަރަކު ނާކާމިޔާބީއަކުން ނިންމާލީއެވެ. ނަމަވެސް މިއަހަރު ފެށުމުން އާ އަހަރުގެ އަޒުމެއްގެ ގޮތުގައި ކަނޑައެޅީ މާޒީ ދޫކޮށް, އާ ހިތްވަރާ އެކު އޭނާ ހިކެން މަސައްކަތް ކުރުމެވެ.

އޭނާގެ އަމާޒަކީ އެއް އަހަރު ތެރޭގައި 20 ކިލޯ ލުއިކުރުމެވެ. ނަމަވެސް މިދިޔަ މެއި މަހާ ހަމައަށް އެންމެ ހަތަރު މަސް ތެރޭގައި އެ އަމާޒު އޭނާ ހާސިލްކޮށް, 101 ކިލޯއިން 81 ކިލޯއަށް ދަށްކުރި އެވެ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި އަހަރަކު އޭނާ ލުއިކޮށްލެވުނީ އެންމެ 10 ކިލޯ އެވެ. ނަމަވެސް މިފަހަރު އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 20 ކިލޯ ލުއިކޮށް, އަމާޒު ހާސިލްވުމަކީ އޭނާ ވެސް ހައިރާންވި ކަމެކެވެ.

"ގިނަ ފަހަރު ފަސް ވަރަކަށް ނުވަތަ ހަ ވަރަކަށް ކިލޯ ލުއިވެފައި އަނެއްކާވެސް ހަމަ ދާނެ. ވޭތުވެދިޔަ 10 އަހަރު އަޅުގަނޑަށް އަހަރަކު 10 ކިލޯ ލުއި ކުރެވުނީ. އެކަމަކު ވެސް ހަމަ އަންނަނީ." ޔޫޓިއުބްގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ ބުނެފައިވެ އެވެ.

https://www.youtube.com/watch?v=yrZpP9F5nNM

އަދާކުރާ ވަޒީފާގެ ގޮތުން ދޭތެރެ ދޭތެރެއިން ރަށްރަށަށް ދަތުރުކުރަން ޖެހުނަސް އަދި ކިތަންމެ ގޮންޖެހުން ބޮޑުވި ނަމަވެސް ޝަމީމްގެ ހިތްވަރާއި މަސައްކަތަކަށް ހުއްޓުމެއް ނާދެ އެވެ. ރޯދަ މަހު ރޯދައަށް ހުރެގެން ވެސް އޭނާ ގަވާއިދުން ކަސްރަތުކޮށް ހިކެން މަސައްކަތް ކުރަމުންދިޔަ އެވެ.

"އަޅުގަނޑު ކުރިން ހިތަށް ވެސް ނާރާ މިހެން ރޯދައަށް ހުރެފައި ހިނގާލެވޭނެއެކޭ." އޭނާ ބުންޏެވެ.

ޝަމީމް ހިކެން ކުރި މަސައްކަތުގައި އާދަޔާ ހިލާފް ގިނަ ކަންތައްތަކެއް ވެސް ކުރި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސ. ހިތަދޫއިން ފެށިގެން ގަމާ ހަމައަށް 15 ކިލޯ މީޓަރު ހިނގި ދުވަހެވެ. ވާރެއާ ތެމިގެން ހިނގި އެ ހިނގުމުގެ ސަބަބުން ދެ ހަފުތާގެ ވަންދެން ރޯގާ ޖެހިގެން އުޅެން ޖެހުނު ނަމަވެސް އަޒުމަށް ބަދަލެއް ނައެވެ.

"އަޅުގަނޑު 15 ކިލޯ މީޓަރަށް ހިނގާލިއިރު އަޅުގަނޑުގެ ފައިގައި ހުރި ޓެނިސް ބޯޅައެއްގެ މިންވަރަށް ފޮޅެއް ނަގާފައި. އެކަމަކު ވެސް އަޅުގަނޑު އެ ހިނގުން ހިނގާލިން ހިތްވަރު ކޮށްލާފައި. ތަދުވާތީ ހަތަރު ވަރަކަށް މަލަން އެތަނުގައި އަޅައިގެން. ކަކުލަށް ވެސް ތަދުވޭ. އެކަމަކު ވެސް ގެއިންއެއް ނުކުރެވޭނެ ދެއްތޯ ޕެއިންއަކާ ނުލައި." އޭނާ ބުންޏެވެ.

އެހާ ބޮޑު ކުރިއެރުމެއް ހާސިލްވި ނަމަވެސް އޭނާ ހުރީ މި ހިސާބުން ހުއްޓާލާ ގޮތަކަށް ނޫނެވެ. ކެއުން ހާއްސަ ގޮތަކަށް ބެލެހެއްޓުމާއި ގަވާއިދުން ކަސްރަތު ކުރުމުގެ ވިސްނުން އޭނާ އަދިވެސް ދޫކޮށެއް ނުލައް އެވެ. އެ އަޒުމުގައި ހިފަހައްޓަން އޭނާ ހަނދާނަށް ގެންނަނީ އޭނާ ފަލަކޮށް ހުރިއިރު އުފުލި ތަކުލީފުތަކާއި މީހުންގެ ފަރާތުން ކުރިމަތިވި ބަދު ބަސްތަކެވެ.

"އެހެންވެގެން ކަން ނޭނގޭ މިހާ ބޮޑު ހިތްވަރެއް އަޅުގަނޑަށް މި ލިބުނީ." އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެހާ ފަލަ މީހަކު ބަރުދަން ލުއިކޮށް ހިކެން މަސައްކަތް ކުރާއިރު ބައެއް މީހުންގެ ފަރާތުން އަދިވެސް ނޭދެވޭ ބަސްތައް އަމާޒުވެއެވެ. ނަމަވެސް ހިކެން މަސައްކަތްކުރާ އެންމެންނަށް ވެސް އޭނާގެ ނަސޭހަތަކީ އެފަދަ އެއްވެސް ކަމަކަށް ބެލުމެއް ނެތި ކުރިއަށް ދިއުމެވެ.

"ބުނާނެ ދުވަސްކޮޅަކުން ހުއްޓާލާނެއޭ. އެކަހަލަ ގޮތަކަށް އެކަހަލަ ނެގެޓިވް ކޮމެންޓްސް އަންނާނެ." އޭނާ ބުންޞެވެ.

އޭނާގެ މަސައްކަތް ކޮންމެ މަހަކު ޔޫޓިއުބް މެދުވެރިކޮށް އާންމުކުރަނީ އެހެން މީހުންނަށް ހިތްވަރެއް ދިނުމުގެ ގޮތުންނެވެ. ނަމަވެސް އޭނާ އަދިވެސް ހުރީ ހިތްވަރާއެކު އެ މަސައްކަތުގައި ދެގޮތެއް ނުވެ އެވެ. ކިތަންމެ ގޮންޖެހުމެއް ކުރިމަތިވިޔަސް, ބަރުދަން ލުއި ކުރުމުގައި އޭނާގެ އަޒުމަކަށް ބަދަލެއް ނާދެ އެވެ.