ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގުސަދަކީ، ސަރުކާރުގެ މެނިފެސްޓޯ އާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދައި، އެފަދަ ކަންކަމުގައި ކުރިއަށް ދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމެވެ.

"ޒުވާނުންނާ ގުޅޭ ކަންކަމުގައި ޒުވާނުން ގޮތް ނިންމާ، ޒުވާނުންނަށް އަދާއި މާދަމާވެސް ގައުމުގެ އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީ، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނި، ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން މި ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތެކެވެ" ރައީސް އޮފީހުން ބުންޏެވެ.

ޒުވާނުން ކޮމެޓީ އެކުލަވާލުން: ފޮޓޯ | ރައީސް އޮފީސް

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑު އެކުލަވާލަލައްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 18ވަނަ ދުވަހުއެވެ. މި ބޯޑުގައި ތިއްބަވާނީ 15 މެންބަރުންނެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ.

މި ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށްފަހު މި ބޯޑުގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވައިފައެވެ. އަދި އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލެއްވުމުގެ މައިގަނޑު މަގުސަދުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ގައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން ކަމަށާއި ޒުވާނުންގެ ފަރާތުން ގައުމެއް އަދި ސަރުކާރެއް ހިންގުމުގައި އަދި ދައުލަތުގެ އެހެން ހުރިހާ ކަމެއްވެސް ބައްޓަންކުރުމުގައި ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

އަދި އެފަދަ މަސައްކަތެއް ފެށިގެން ދިއުމުން ޒުވާނުންގެ ފަރާތުން އެ ޒުވާނުންގެ ވިސްނުން ހިއްސާކޮށް، ކަންކަމުގައި ފެންނަގޮތް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.