ކުރީގެ ސަރުކާރުން އިމާރާތްކުރި ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅައި، ގެޒެޓްކުރި މީހުން ލިސްޓު ބާތިލުކޮށް، އާ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް މި ސަރުކާރުން ފަށައިފިއެވެ.
ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މަޖިލީހަށް މިއަދު ހާޒިރުކޮށް، މެމްބަރުން ސުވާލު ކުރެއްވުން ވިދާޅުވީ އޭސީސީން ކަނޑައަޅާފައިވާ ލިސްޓަކީ ފައިނަލް ލިސްޓެއް ނޫން ކަމަށެވެ. ފައިނަލް ލިސްޓު އެކުލަވާލުމަށްޓަކައި ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފޯމްތަކެއް މުރާޖާ ކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ މިނިސްޓަރު ވިދާޅުވިއެވެ.
"ހުރިހާ ފޯމްތަކެއް މުރާޖާކޮށްގެން ނޫނިއްޔަކާއެއް މި ފްލެޓުތައް މި ދެވެނީ ހައްގުވެރި ފަރާތްތަކަކަށް ކަމެއް ކަނޑައެއް ނޭޅޭނެ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ބޯހިޔާވަހިކަމުގެ ކަންތައްތަކުގައި ޒިންމާ އަދާކުރަން ޖެހެނީ އަޅުގަނޑު. މިނިސްޓަރެއްގެ ހައިސިއްޔަތުން. އެހެންވީމަ އޭސީސީން ކަނޑައަޅާފައި އޮންނަ ލިސްޓެއް ނޫން އެއީކީ ފައިނަލް ލިސްޓަކަށް ވާންޖެހޭނީ. މިނިސްޓްރީން އަޅުގަނޑުމެން މުރާޖާކޮށްފައި ނެރޭ ލިސްޓެއް ފައިނަލް ލިސްޓަކަށް ވާންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނާތީ އެ ވާހަކަ ދަންނަވާލަން،" މިނިސްޓަރު ހައިދަރު މަޖިލީހުގެ ތަޅުމުގައި މިއަދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުން، 4،000 ފްލެތް ލިބޭނެ ކަމަށް ކަނޑައަޅައި ކުރީގެ ސަރުކާރުން ގެޒެޓްކުރި ލިސްޓު ބާތިލު ވީ އެވެ. ފްލެޓް ދެން ލިބޭނީ މިނިސްޓްރީން އެކުލަވާލާ އާ ލިސްޓަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި 4،000 ފްލެޓް އިމާރާތްކޮށް ނިމޭނީ އަންނަ އަހަރުގެ އޮގަސްޓު މަހުގައެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމު ކުރައްވާނެ ކަމަށެވެ.
ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ފްލެޓުތަކަށް އެދި 20،697 މީހަކު ފޯމު ހުށަހަޅާފައިވެއެވެ. އެގޮތުން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމަކާއި ދެ ކޮޓަރީގެ ފްލެޓަށް އެދި 6،208 ފޯމު ހުށަހަޅާފައިވެއެވެ.
ކުރީގެ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓަށް އަމަލު ކުރުން ހުއްޓާލީ ފްލެޓް ލިބުނު ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ ބައެއް ކަމަށް އޭސީސީން ބުނުމުންނެވެ.
ކުރީ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި 32 ޓަވަރުގެ ތެރެއިން، ހަ ޓަވަރު މި އަހަރުގެ އޮކްޓޫބަރު މަހު ނިމޭނެއެވެ.