ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާތީ އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ. ޖިހާދަކީ މި ސަރުކާރުން އުފައްދާފައިވާ އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަނެވެ.

އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މިދިޔަ މަހު ކްރިމިނަލް ކޯޓުން ނިންމާފައިވެ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް އިއްޔެ ހުށަހެޅީ އެ މައްސަލަ އަލުން ބަލަން އަމުރުކޮށްދޭން އެދި އެވެ. ޕީޖީ އޮފީހުން ބުނީ އެގޮތަށް އެދުނީ ކްރިމިނަލް ކޯޓުގެ ނިންމުމުގެ އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކޮށްފައިނުވާތީ ކަމަށެވެ.

ޖިހާދުގެ އަތުން 1.1 މިލިއަން ހޯދުމަށް ވެސް ދައުލަތުން ކުރިން ދައުވާކުރި އެވެ. އެއީ ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުން ދޫކުރި ރެހެންދި ފްލެޓް މަގާމުން ވަކިވެ ވަޑައިގަތުމަށް ފަހު ހުސް ނުކުރައްވައި، ބޭނުން ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.