ރައްޔިތުން މަޖިލިސް މެންބަރުންގެ ޒިންމާ އަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުވުން ކަމަށާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން މަސައްކަތް ވެސް ކުރަމުން ދަނީ އެ މަގުން ކަމަށްވީ ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީ އިން އެކަމަށް ހުރަސް އަޅަމުން އަންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ތުހުމަތު ކުރައްވަވައިފިއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހަތަރު މެމްބަރަކު މަޖިލީހުގެ ނިޒާމު ގެއްލުވާލި ކަމަށް ބުނެ، އެ މެމްބަރުންގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ނެރެފައެވެ.

ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މަޖިލީހަށް ހާޒިރުކޮށް، މެމްބަރުން ސުވާލު ކުރައްވަމުން ގެންދަވަނިކޮށް، ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ބުނެ، ތަޅުމުގައި އިހްތިޖާޖު ކުރައްވަން ފެއްޓެވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ޒިޔައްޓޭ)އެވެ. އޭނާގެ ފަހަތުން ދެން ތިއްބެވި އެމްޑީޕީގެ އެހެން މެމްބަރުން ވެސް އިހްތިޖާޖު ކުރައްވަން ފެއްޓެވިއެވެ.

ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރުނު މެމްބަރުން

1- ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)

2- ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު

3- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

4- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

އެކަމާއި ގުޅިގެން މަޖިލިސް އިދާރާގައި އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަމަލު ކުރެއްވި ގޮތުން، ރައްޔިތުންގެ ހައްގުތައް މަޖިލީހުން ކަށަވަރު ނުކޮށްދޭނެކަން ސާފުވާ ކަމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ފިއްޓޭ ވިދާޅުވީ މި މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު މަދުވި ނަމަވެސް "ބުލީ" ނުވަތަ ހަނގާ ނުކުރެވޭނެ ކަމަށެވެ.

"ބޮޑު ލަޝްކަރެއް ފަހަތުގައި އޮންނާތީ ވަޒީރަށް ފެންނަނީ, މިއީ ކުޑަކުޑަ މީހެކޭ އެގޮތަށް ސިފަވީ. އެހެންވިޔަސް އަޅުގަނޑުމެން އަދި ކުޑަޔަކަސް އެހެން ބުލީއެއް ނުކުރެވޭނެ," މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ނަން އިއްވެވި މެންބަރު ވިދާޅުވިއެވެ.