ނިމިދިޔަ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބުނު ފަރާތްތަކާއި ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ދީފައިވާ ގޯތިތަކުގެ މައްސަލާގައި މާދަމާ އޮންނަ މަޖިލިސް ޖަލްސާ އަށް ހައުސިން މިނިސްޓަރު އަނެއްކާ ވެސް ހާޒިރުކޮށް ސުވާލު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.
މިދިޔަ ހަފްތާ އަށް މި މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް އެދުވަހުގެ ޖަލްސާ އަށް މިނިސްޓަރަށް ވަޑައެއްނުގެންނެވިއެވެ. މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ އާއިލީ ކަމެއް ދިމާވެގެން މިނިސްޓަރަށް އެދުވަހުގެ ޖަލްސާ އަށް ވަޑައިނުގެންނެވޭނެ ކަމަށް އަންގަވާފައިވާ ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މުހައްމަދާއި ސުވާލު ކުރުމަށް ހުށަހަޅާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ. އޭނާ މިނިސްޓަރާ ސުވާލު ކުރައްވަނީ ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓުތަކާއި ގުޅޭ ގޮތުންނެވެ.
މިނިސްޓަރާ ކުރައްވާ ސުވާލު:
ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނީ ކޮން ދުވަހަކުންތޯ؟ ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާއި ހަވާލު ކުރެވޭނީ ކިހާ ހިސާބަކުންތޯ؟ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފްލެޓް ކާމިޔާބުވީ ފަރާތްތަކަށް އެ ފްލެޓްތައް ހަވާލުކުރެވޭނީ ކޮންއިރަކުންތޯ؟
ދާދިފަހުން މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވަނީ ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ "ފްލެޓް ލިސްޓް" ބާތިލު ނުކުރައްވާނެ ކަމަށާއި ނަމަވެސް ފްލެޓު ލިސްޓު ރީއިވެލިއުއޭޓް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރައްވާނީ ކޮންއިރަކުންތޯ މެމްބަރުން ސުވާލު ކުރެއްވުމުން، މިނިސްޓަރު ވިދާޅުވީ ފްލެޓުތައް އިމާރާތްކޮށް ނިމޭއިރަށް ފައިނަލް ލިސްޓު އާންމު ކުރައްވާނެ ކަމަށެވެ.
ތިރީސް ދެ ޓަވަރުގެ ތެރެއިން، ހަ ޓަވަރު މި އަހަރުގެ އޮކްޓޫބަރު މަހަށް ނިމޭނެ ކަމަށާއި އެހާތަނަށް ފައިނަލް ލިސްޓު އާންމު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓަށް ފްލެޓް ދިނުން ހުއްޓުވާލީ އޭސީސީން އެކަން ހުއްޓުވުމުންނެވެ. އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.