މިދިޔަ ސަރުކާރުން އިންޑިއާގެ އެހީގައި ކުރިޔަށް ގެންދިޔަ އައްޑޫ ސިޓީގެ ބިން ހިއްކުމާއި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދެވެން އޮންނަ ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދިޔަ އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާ ދިވެހި ސަރުކާރާ ހަވާލުކުރުމާއި އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުގައި ހިމެނޭ "4 ލޭން ޑީޓުއާ ލިންކް ރޯޑް" ގެ ރަސްމީކޮށް މިއަދު ވަނީ އިފްތިތާހް ކޮށްފައެވެ.

އައްޑޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ޖުމްލަ 184.3 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އެގޮތުން ހިތަދޫގެ ދެ ސަރަހައްދެއް ހިމެނޭހެން 80 ހެކްޓަރާއި އަދި މަރަދޫ - މަރަދޫ ފޭދޫގައި 76 ހެކްޓަރުގެ އިތުރުން ޑީޓުއާ ލިންކުގެ އެންބޭކްމަންޓަށް ބޭނުންވާ 3.3 ހެކްޓަރުގެ ބިން ހިއްކައިފައިވެއެވެ.

މީގެއިތުރުން ވެސް ފަތުރުވެރިކަމަށް ހާއްސަ ކުރެވިގެން 8.3 ހެކްޓަރުގެ ތިން ރަށެއް ވަނީ ހިއްކައިފައެވެ.

އައްޑޫ ސިޓީގެ ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ | ރައީސް އޮފީސް

ދެހާސް އެކާވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެށި ހަންކެޑެ ބްރިޖުގެ މަސައްކަތް ނިންމާފައިވާއިރު އެ ބްރިޖަކީ 1.463 ކިލޯމީޓަރުގެ ހަތަރު ލޭނު ގާއިމް ކޮށްފައިވާ ބްރިޖެކެވެ.