ދެގައުމަށް ފައިދާވާ ކަންކަމުގައި އިންޑިއާއާ އެކީގައި އަބަދުވެސް މި ސަރުކާރުން ގާތް ގުޅުން ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގައި އެއްވެސް އިރަކު އިންޑިއާ ބާކީ ނުކުރާ ކަމަށެވެ. އަދި އިންޑިއާ އަކީ އަބަދުވެސް ގާތް ރަހުމަތްތެރި ގައުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކާއި ޝަކުވާ އަކަށް ވެފައި އޮތީ، އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބުން ކަމަށާއި މިއަދު އެކަންކަން މަޝްވަރާގެ އުސޫލުން ހައްލު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރުވެސް އިންޑިއާގެ ފަރާތުން ބޮޑެތި އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ކާޑުގެ ކޯޓާ އެހެން އެއްވެސް ގައުމަކަށް ނުދޭ މިންވަރަށް ރާއްޖެއަށް އިންޑިއާ އިން ދީފައިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް އެކަން އެގައުމަށް ކުރާނެ ކަމަށެވެ. މީގެއިތުރުން ރާއްޖެ އިން އިންޑިއާ އަށް ދައްކަން ހުރި ދަރަނިތައް ވެސް "ރޯލް އޯވާކޮށް" ދެއްވާފައިވާ ކަމަށެވެ.

"އިންޑިއާއާ އެކީގައި ހަމަ އެ ގާތް ގުޅުން ދެ ގައުމަށް ފައިދާވާ ކަންކަމުގައި އޮންނާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވިއިރު ދެ ދުވަހުގެ ދަތުރުފުޅަކަށް މިދިޔަ ހުކުރު ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ޖައިޝަންކަރު ވަނީ ރައީސް މުއިއްޒާ ބައްދަލުކުރައްވަވާފައެވެ. އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

ރައީސް މުއިއްޒާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ޖައިޝަންކަރު ވަނީ ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާއަކުން ވެސް އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.